އދ. ދަނގެތީގެ އެންމެހާ ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިފައިވާ އުމުރުން 57 އަހަރުގެ މަހުމޫދު އަބޫބަކުރު އިހާނެތިކޮށް މަރާލިތާ 3 ދުވަސް ވީއެވެ. މުޅި ރަށް ކަރުނުން ރޮއްވަމުން ދާއިރު، މިގަމުގެ ވެރިންނަށް ކަމެއް ވެގެން އުޅޭހެން ހީވެސް ނުވާކަހަލައެވެ.

ގައުމުގެ އެންމެ އިސްވެރިޔާއިން ފެށިގެން، ކޯލިޝަން ޕާޓުނަރުންނަށް ޓްވީޓް ގަނޑެއްވެސް ކޮށްލައްވަން ކެރިވަޑައިނުގެން 72 ގަޑިއިރު ދިޔުމަކީ ސުވާލު އުފައްދަންޖެހޭ ކަމެކެވެ.

އދ. ދަނގެތީގެ އެ ބިރުވެރި ހާދިސާއާ އެކުއެކީގައިހެން އިނގިރޭސިވިލާތުގައި ވެސް ގަތުލެއް ވަނީ ހިނގާފައެވެ. އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ޑޭވިޑް އެމެސް އަށް ވަޅިން ހަމަލާދީ ވަނީ މަރާލާފައެވެ.

އެ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާއި، ދެންވެސް ތިއްބެވި ކޯލިޝަން ބައެއް ޕާޓުނަރުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާ ޓްވީޓްތައް ކުރައްވާފައެވެ.

އިނގިރޭސި އެމްޕީ މަރާލުމާ ގުޅިގެން ދިވެހި ސަރުކާރުގެ އިސްބައެއް ވެރިން ކުރައްވާފައިވާ ޓްވީޓްގެ ސްކްރީންޝޮޓެއް

އިނގިރޭސި އެމްޕީ ޑޭވިޑް އެމެސް އަކީ ރާއްޖެއާ ގާތް ބޭފުޅެއް ކަމަށް ވުމާއެކު، ހަމްދަރުދީ ފާޅުކުރައްވާ ޓްވީޓް ކުރެއްވުމަކީ މައްސަލައެއް ނޫނެވެ.

މައްސަލައަކަށް ވަނީ، ރާއްޖޭގެ ރަށެއްގައި ރަހުމުކުޑަ ގޮތަކަށް ދިވެއްސަކު މަރާލި އިރު، ގައުމުގެ ވެރިންނަށް އެކަމުގައި "ތައުޒިޔާގަނޑެއްވެސް" ވިދާޅުވާން ހަނދުމަފުޅު ނެތުނީމައެވެ. އަމުދުން ސަރުކާރުގެ ހާއްސަ ވަފުދެއް ނަމަވެސް ފޮނުވާލަން ނޭނގުނީމައެވެ. ސުލްހަމަސަލަސް ކަމަށް ލޯބި ކުރާ އެކުވެރި ބަޔަކު އުޅެމުން ދިޔަ މުޖުތަމައެއްގައި ހިނގާދިޔަ ގަތުލާ ގުޅިގެން ރައްޔިތުންނަށް ލިބިފައިވާ ޝޮކާއެކު ގުޅިފައިވާ ނަފްސާނީ ހާލަތުގައި އެހީތެރިކަން ބޭނުންވާނޭކަން ނޭނގުނީމައެވެ.

ތެދެކެވެ. މީހުން މަރުވެސް ވާނެއެވެ. ނަމަވެސް ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް އަދި ފުރަ މާލެގައިވެސް ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކާ ހިލާފަށް ދަނގެތީގައި މަރާލި މަހުމޫދަކީ، އެރަށުގެ އެންމެނާވެސް ގުޅޭ، ރަށުގެ އެންމެނަށް އޭނާގެ އެހީތެރިކަން ލިބޭ، ކުދިބޮޑު އެންމެންގެ އިހުތިރާމް ލިބިފައިވާ މީހެވެ.

ރާއްޖޭގައި ހިނގާ އެފަދަ އެހެންވެސް މަރުތަކާ ގުޅިގެން އަޅާނުލާ ދޫކޮށްލާތަން ފެންނާތީ، ކޮންމެ ކަމެއް ވަރިހަމަވާތީ އެވާހަކަ ދައްކަނީއެވެ. މީގެ ކުރިންވެސް ހިނގާފައި ހުރި މިފަދަ މަރުތަކުގައި ތުހުމަތުވާ މީހުން ހައްޔަރުކޮށް މުއްދަތު ޖަހާ، ވަކި ހިސާބަކުން ދޫވެގެން ދާހެން މިފަހަރުވެސް ވެދާނެތީ އެވާހަކަ ދައްކަނީއެވެ. ފުލުހުންގެ ހާއްސަ ޓީމުތަކުން ޑީއެންއޭއަށް ދާންދެން ހޯދާ ޝަރީއަތަށް ހުށަހެޅިޔަސް ގިނަ ފަހަރު ހިނގަމުން ދަނީ، ސާބިތު ނުވެގެން ނުވަތަ ހެކި ހޯދި ގޮތް ގޯސްވެގެން ނުވަތަ މުއްދަތު ދާފަހުން ދައުވާ ކޮށްގެން، ނޫނީ ވަކީލު ހާޒިރު ނުވެގެން، ފަނޑިޔާރު ބަލިވެގެން ނަމަވެސް ކުށްވެރިޔާ ދޫވަމުންދާ ސަގާފަތެކެވެ. ކުށްވެރިޔާއަށް އަދަބު ލިބޭނެކަން ކަށަވަރު ވާނެ ދުވަހެއް ނުފެންނާތީ އެވާހަކަވެސް ދައްކަނީއެވެ. ދަނގެތީގެ ހާދިސާއިން އިބުރަތެއް ހާސިލު ކުރޭތޯވެސް އެވާހަކަ ދައްކަނީއެވެ.

ގައުމުގެ ވެރިން "ވާނުވާ" އިން ބޭރުވެ ރައްޔިތުންނާ އަޅާލަން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެވާހަކަ ހަނދާންކޮށްދެނީއެވެ.