މިދިޔަ މަހުގެ 17 ވަނަ ދުވަހު އިޓަލީގައި މަރާލި ހދ. ނޮޅިވަރަންފަރު އިމާދު މަހުމޫދުގެ ކަށުނަމާދު ޣައިބުގައި މިއަދު ރާއްޖޭގައި ކޮށްފިއެވެ.

މިއަދު އަސުރު ނަމާދަށް ފަހު ކަށުނަމާދު ކޮށްފައި ވަނީ މާލޭގެ މަސްޖިދުލް ފުރުގާންގައާއި ހދ. ނޮޅިވަރަންފަރުގައި ހުންނަ މަސްޖިދުލް ތައުބާގައެވެ.

އިމާދުގެ ޖަނާޒާ ބާއްވައިފާ ވަނީ މިދިޔަ ހޮނިހިރު ދުވަހު އިޓަލީގައެވެ. އެހެންނަމަވެސް އިމާދުގެ މަރުގެ ހަގީގަތް ހޯދިފައިވާ ކަމެއް އަދި ނޫން ކަމެއް މިހާތަނަށް އަދި ސާފެއް ނުވެއެވެ.

އިމާދުގެ މަރާ ގުޅިގެން ރަސްމީ އެއްވެސް އިދާރާއަކުން ޖަވާބެއް ނުލިބޭ ކަމަށް އާއިލާއިން މީގެ ކުރިން ވަނީ ބުނެފައެެވެ. އަދި އިމާދުގެ ހަށިގަނޑު ގެނައުމަށް އާއިލާއިން މީގެކުރިން ވަނީ ސަރުކާރުގައި އެދިގެން އެތަށް މަސައްކަތެއްވެސް ކޮށްފައެވެ.

އިމާދު އިޓަލީގައި ދިރިއުޅުނު ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ގައުމުގެ ގަޑިން މެންދުރު 12 ޖަހާ ހާއިރު ފެނިފާ ވަނީ އޭނާގެ އަންހެނުންގެ މަންމައަށެވެ. ފެނުނު އިރު އިމާދު ހުރީ އެ ގޭގެ ގޯތިތެރޭގައި ގަސް ހެއްދުމަށް ޖަހާފައި ހުރި އެއްޗެއްގައި ދަންޖެހިފައެވެ. އިމާދު ދަންޖެހިފައި ހުރި އިރު އޭނާގެ ގައިން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި އެހެންނަމަވެސް އޭނާގެ ފޯނު އޮތީ ހަލާކުކޮށްލާފައި ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.