ގެއްލިގެން ހޯދަމުން ދަނިކޮށް އދ. ދަނގެތީގައި ވަޅަކަށް ފައްތާ މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

މަހުމޫދުގެ ޖާނާޒާ ބާއްވާފައި ވަނީ މިއަދު އަސުރު ނަމާދަށްފަހު، ދަނގެތީގައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ދަނގެތި ކައުންސިލް މެންބަރު އަހުމަދު އަބްދުއް ސަމަދު ވިދާޅުވީ ދަނގެތީގައި އެންމެ ގިނަ އަދަދަކަށް ޖަނާޒާއެއްގައި މީހުން ބައިވެރިވި ޖަނާޒާއަކަށް މަހުމޫދުގެ ޖަނާޒާ ވާނެ ކަމަށެވެ.

"ހަޔާތުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި ޖަނާޒާމީ މުޅި މިސްކިތް ފުރިފަ، ގިނަ އަދަދެއްގެ އަންހެނުންވެސް މި ޖަނާޒާގައި ބައިވެރިވި"
ދަނގެތި ކައުންސިލް މެންބަރު އަހުމަދު އަބްދުއް ސަމަދު

އިތުރަށް ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ މަހުމޫދު ޖަނާޒާ ބޭއްވުމަށް ފުރަތަމަ ނިންމީ މިރޭ މަޣުރިބް ނަމާދަށް ފަހުގައި ނަމަވެސް ހަށިގަނޑު ވަރަށް ބޮޑަށް ފޮއްސިވެ ވަސް ގޯސްވުމުގެ ސަބަބުން ޖަނާޒާ އަވަސްކުރީ ކަމަށެވެ.

މަހުމޫދުގެ މޫނު ދެއްކުން ކުރިއަށް ދިޔަކަމާށާއި ގިނަ އަދަދެއްގެ ރައްޔިތުން މަހުމޫދުގެ މޫނު ބެލި ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

މަހުމޫދަކީ ރަށުގެ ރައްޔިތުންގެ އިހުތިރާމު ލިބިފައިވާ މީހެކެވެ. މަހުމޫދުގެ މަރުން އެތައް ބަޔަކަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އަދި މުޅި ދަނގެތި ވަނީ މި ހިތާމައިގާ ރޮއްވާލައިފައެވެ. މަހުމޫދު މަރުވި އިރު އޭނާގެ ހުރީ 4 ދަރިންނެވެ.

މަހުމޫދުގެ ހަށިގަނޑު ޓެސްޓް ހެދުމަށް މިއަދު ހެނދުނު މާލެ ގެނައުމަށް ފަހު މިއަދު މެންދުރު އަނބުރާ ވަނީ ދަނގެއްޗަށް ގެންގޮސްފައެވެ.

މަހުމޫދުގެ މަރާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ރޭ އާއިލާއިން ވަނީ މަހުމޫދުގެ ގާތިލަކީ ކާކުކަން ސައްކެތްނެތް ވަރަށް ޔަގީންވާ ކަމަށް ބުނެފައެވެ. އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު މަހުމޫދުގެ މަރާ ގުޅިގެން އާއިލާއިން ބުނަމުން އަންނަނީ އެކަން ކުރީ ރަށުން ބޭރު ކުށުގެ ރިކޯޑް އޮތް އެ ރަށުގައި އުޅޭ ދެމީހެއް ކަމަށް ބުނެފައެވެ.

އދ. ދަނގެތީގައި ވަޅަކަށް ފައްތާ މަރާލައިފާ އޮއްވާ ފެނުނު މަހުމޫދުގެ ޖަނާޒާގެ ތެރެއިން

ބުދަ ދުވަހުގެ ރޭ ގާތްގަނޑަކަށް 11 ޖަހާކަންހާއިރު ފޯނެއްގައި ބޭރަށް ދިޔަ މަހުމޫދު އެ ރޭ ގެޔަށް ނިދާންއައި ކަމެއް އަންހެނުންގެ ބަލިހާލަތު ހުރި ގޮތުން އެނގިފައެއް ނެތެވެ. އާންމުކޮށް ހެނދުނު 9 ޖަހާއިރު ސައިބޯން އަންނަ މަހުމޫދު 10 ޖަހާއިރުވެސް ސައިބޯން ނައިސް ފޯނަށް ޖަވާބު ނުދިނުމުން ރައްޔިތުން ވަނީ އޭނާ ހޯދަން ނިކުމެފައެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އިއްޔެ މެންދުރުފަހު ގާތްގަނޑަކަށް 3:15 ހާއިރެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ގޯންޏެއްގެ ތެރެއަށް ލައި ފަޅުގެއެއްގެ ތެރޭގައި ހުންނަ ވަޅަކަށް އެކޮޅުކޮޅުން ފައްތާފައެވެ. އޭނާ އޮތީ ފެން ހުރި ވަޅަކަށް ބޮލަށާއި ފަޔަށް ގޯންޏެއް މަހާ އެކޮޅުކޮޅުން ފައްތާފައެވެ. ބޮލުން މަހާލައިފައި އޮތް ގޯނި އޮތީ މޭ ކަށިގަނޑާ ހިސާބުގައި ކަމަށާއި ފައިން ލައްވާފައި ހުރި ގޯނި އޮތީ ވަލެއް ބޭނުންކޮށްގެން އައްސައިފާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މަހުމޫދު މަރާލައިފާ ވަނީ އަނިޔާތަކެއް ދިނުމަށްފަހުއެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށާއި އެގޮތުން ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.