ގެއްލިގެން ހޯދަމުން ދަނިކޮށް އދ. ދަނގެތީގައި ވަޅަކަށް ފައްތާ މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުގެ މާލެ ގެނެސް ޓެސްޓުތައް ހެދުމަށް ފަހު އަނބުރާ ދަނގެއްޗަށް ގެންގޮސްފިއެވެ.

މަހުމޫދު ހަށިގަނޑު ޓެސްޓުތައް ހެދުމަށް މާލެ ގެނައީ މިއަދު ހެނދުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދުގެ ޓެސްޓުތައް ހެދުމަށް ދެގަޑިއެއްހާއިރު އައިޖީއެމްއެޗްގައި ހަށިގަނޑު ބޭއްވުމަށް ފަހު މަހުމޫދުގެ ހަށިގަނޑު ދަނގެއްޗަށް ފޮނުވާލާފައި ވަނީ ސިފައިންގެ ސީއެމްބިއުލާންސެއް ގައެވެ.

މަހުމޫދު މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް އޭނާގެ މަރާ ގުޅިގެން ދަނގެތީގައި ހިނގި ހަމަނުޖެހުންތަކުގައި މަހުމޫދުގެ މަރަށް ޝައްކު ކުރެވޭ 3 މީހަކަށް ހަމަލާ ދޭން އުޅޭކަމަށް ބަލާ އެ 3 މީހުން ވަނީ އެ އަތޮޅު މަހިބަދުއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 ފިރިހެނަކާއި އަންހެނެކެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އިއްޔެ ހަވީރުއެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ގޯންޏެއްގެ ތެރެއަށް ލައި ފަޅުގެއެއްގެ ތެރޭގައި ހުންނަ ވަޅަކަށް އެކޮޅުކޮޅުން ފައްތާފައެވެ. މަހުމޫދު ފެނުނު އިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހުން ގޮސް އޭނާގެ ހަށިގަނޑު ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންިދޔަ އިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.