ގެއްލިގެން ހޯދަމުން ދަނިކޮށް އދ. ދަނގެތީގައި ވަޅަކަށް ފައްތާ މަރާލާފައި އޮތް ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑުގެ ޓެސްޓުތަކެއް ހެދުމަށް މާލެ ގެނެސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ކުރިން ޓެސްޓުތައް ހެދުމަށް މަހުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށް އާއިލާއިން ވަނީ ދެކޮޅު ހަދާފައެވެ. ހަށިގަނޑު ކުނިވާތީ ވީހާވެސް އަވަހަށް ވަޅުލަން އާއިލާއިން ބޭނުންވި ނަމަވެސް ފަހުން ފުލުހުން އެދުމުން އާއިލާއިން ވަނީ މާލެ ގެނައުމަށް އެއްބަސް ވެފައެވެ.

މަހުމޫދުގެ ހަށިގަނޑު ޓެސްޓުތައް ހެދުމަށްފަހު އަނބުރާ ފޮނުވާލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުނު އިރު އޮތީ އޭނާ ގޯންޏެއްގެ ތެރެއަށް ލައި ވަޅު ތެރޭ އެކޮޅުކޮޅުން އެލުވާފައެވެ. މަހްމޫދު ފެނުނު އިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ފުލުހުން ގޮސް އޭނާގެ ހަށިގަނޑު ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންިދޔަ އިރު ވެސް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މި މަރާ ގުޅިގެން އެރަށުގައި މަސްރަހު ގޯސްވެފައި ވާއިރު ހިނގި ހަމަނުޖެހުމެއްގައި މީހަކަށް ހަމަލާ ދޭން އުޅުމުން އެމީހާ ވަނީ ރައްޔިތުންގެ ތެރެއިން ބަޔަކުވެގެން ފުލުހުންނާ ހަވާލުކޮށްފައެވެ. އެމީހާއާ އެކު އިތުރު ފޮރިހެނަކާއި އަންހެނަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މަހްމޫދު މަރުވި އިރު އޭނާގެ ހަތަރު ދަރިން އެބް ތިއްބެވެ. އޭނާގެ މަރުގެ ހަބަރާއެކު އަނހެނުންނާއި ދަރިންނަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. އަދި އެމީހުންނަށް ދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.