އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާ އިންޑިއާ ވާދަކުރި މެޗު 1-3 އަކުން ކާމިޔާބުކޮށް އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ދިވެހި ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި އެޓީމަށް މިލަނޑު ޖަހާ ދިނީ މަންވީރު ސިންގެވެ.
މިއަށް ފަހު ސްކޯ އެއްވަރުކުރާނެ ފުރުސަތުތައް ރާއްޖެއަށް ލިބުނު އިރު މެޗުގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އަލީ އަޝްފާގު ވަނީ ރާއްޖެއަށް ލަނޑެއް ޖަހާ ދީ ސްކޯ 1-1 އަކަށް ހަދާ ދީފައެވެ.
މިސްކޯގައި ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ދެވަނަ ހާފްގައި ވެސް އިންޑިއާއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މިހާފްގައި އިންޑިއާގެ ތަޖުރިބާކާރު ފޯވަޑު ސުނިލް ޗެތުރީ ވަނީ ދެ ލަނޑު ޖަހާފައެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 62 ވަނަ މިނެޓްގައެވެ. އަދި ދެވަނަ ލަނޑަކީ 71 ވަނަ މިނެޓްގައި އޭނާ ބޮލުން ޖަހާލާ ގޯލަށް ވައްދާލި ލަނޑެކެވެ.
އޭނގެ ފަހުން ރާއްޖޭގެ ޓީމަށް ވަނީ މެޗުގެ ސްކޯގެ ފަރަގު ކުޑަކުރާނެ ގިނަ ފުރުސަތުތައް ވެސް ލިބިފައެވެ. އެހެން ނަމަވެސް 1-3 ގެ ސްކޯލައިނަކާއެކު މެޗު ނިމިގެން ދިޔަ އިރު މުބާރާތް ބާއްވާ ގައުމު ރާއްޖެ މިވަނީ ފައިނަލަށް ނުގޮސް ކަޓާފައެވެ.
މުބާރާތުގެ ފައިނަލްގައި އިންޑިއާ ވާދަކުރާނީ ނޭޕާލްއާއެވެ. މިމެޗު އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.