ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިންޓާނޭޝަނަލް ފެޑެރޭޝަން އޮފް ވޮލީބޯލް (އެފްއައިވީބީ)ގެ ފަރާތުން ރާއްޖެ ވަޑައިގެން ވަފްދާ ބައްދަލުކުރައްވާ ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި އެފްއައިވީބީ ގެ ރައީސް، ޑރ. އެރީ އެސް ގްރަސާ ދެއްކެވި ވާހަކަގައި ރާއްޖޭގެ މާހައުލު އޮތްގޮތުން ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި ވަނީ ވެސް ބީޗްވޮލީފަދަ ކުޅިވަރުތަކަށް ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ގޮތަށްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޒުވާން ކުޅުންތެރިން އެމީހުންގެ ހުނަރު ކުރިއަރުވާ ބައިނަލްއަގްވާމީ ކުޅިވަރުގެ ހަރަކާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގައި ވޮލީބޯލް ކުރިއެރުވުމަށްޓަކާ ރާއްޖޭގައި އެ ދާއިރާއިން ގާއިމުވެފައިވާ ޖަމްއިއްޔާ ޖަމާއަތްތަކާ އަދި އެނޫންވެސް ފަރާތްތަކަށް ވަސީލަތުގެ ގޮތުންނާ އެނޫންވެސް ގޮތްގޮތުން އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރެއްވިއެވެ.

އެ ގޮތުން ކުޅުންތެރިން ބިނާކުރުމުގެ މަސައްކަތް ދާއިމީގޮތެއްގައި ކުރިޔަށްގެންދިއުމުގައި ހައި ޕާފޯމަންސް ޓްރެއިނިންސް ސެންޓަރެއް ރާއްޖޭގައި ގާއިމުވެފައި ހުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހާއްސަކޮށް ބީޗްވޮލީ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ބައްދަލުކުރެއްވުމުގައި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހްމަދު މަހްލޫފާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާ، ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދުގެ އިތުރުން ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުހައްމަދު ރަނޭޝް ބައިވެރިވެ ވަޑައިގެންނެވިއެވެ.