މިރޭގެ މެޗަކީ ރާއްޖެއަށް ވަރަށް މުހިންމު މެޗެކެވެ. ދިވެހީންގެ އަމިއްލަ ފަސްގަނޑުގައި ގައުމީ ޓީމު ނުކުންނަން ތައްޔާރުވެފައި މިވަނީ އިންޑިއާއާ ދެކޮޅަށެެވެ. މި މެޗްގެ ނަތީޖާއާ ރާއްޖެ ފައިނަލަށް ދިއުމާ ގުޅިފައިވާއިރު މިރޭގެ މެޗަށް އެންމެންގެ ވެސް އުންމީދުތައް ހުރީ "އާސްމާނުގަ"އެވެ. ދިވެހިންގެ ހިތުގެ މިކަމަށް އޮތް ޝައުގުވެރިކަމާ ގައުމީ ޓީމަށް އޮތް ސަޕޯޓް ބަލާލި ކޮންމެ ދިމާލަކުން އެބަ ފެނެއެވެ.
ބަލާލި ކޮންމެ ދިމާލަކުން ވެސް ފެނިގެން މިދަނީ ރަތް ކުލައެވެ. ދިވެހިންގެ ހިތުގައި ގައުމީ ޓީމަށް އޮތް ލޯތްބެއެވެ. ދިވެހިންގެ ހިތުގެ ފުޓުބޯޅަށް އޮތް ޝައުގުވެރިކަމެވެ.
އެގޮތުން ސުކޫލުތަކުގެ މުވައްޒަފުންނާ، ސަރުކާރުގެ އޮފީތަކަގެ މުވައްޒަފުން އަދި އަމިއްލަ އޮފިސްތަކުގެ މުވައްޒަފުން ވެސް މިއަދު ވަޒީފާއަށް ނިކުތީ ރަތް ހެދުމުގައެވެ. އޮފީތައް ވެސް މިވަނީ ރަތް ކުލައިން އަދި ގައުމީ ދިދައިން ޖަރީކޮށްލާފައެވެ.
އޮފީތައް އެކަންޏެއް ނޫނެވެ. އާންމުން މިއަދު މަގުމަތީގައި ވެސް އުޅޭތައް މިފެންނަނީ ރަތް ހެދުމުގައެވެ. ބޮޑެއް ކުޑައެއް ނެތެވެ. ކުޑަކުދިން ވެސް މިފެނިގެންދަނީ ރަތް ޖޯޒީގައެވެ.
މިއަދަކީ ޖޯޒީ ވިއްކާ ފަރާތްތަކަށް ވެސް ވަރަށް ފައިދާ ވާނެ ދުވަހަކަށް ވާނެއެވެ. އެންމެން ވެސް ޖޯޒީ ގަތުމަށް އަވަދިނެތި އުޅެމުންދާއިރު ގިނަ ތަންތަނުން ޖޯޒީތައް ގެންނައިރަށް ހުސްކޮށްލާފައިވާ ކަން ވެސް ފާހަގަކުރެވެއެވެ. ޖޯޒީގެ އިތުރުން ރަތް ހެދުން / ޓީޝާޓް ފަދަ އެއްޗހި ގަންނަ މީހުންގެ ވެސް މަދެއް ނޫނެވެ. މަޖީދީ މަގު ބަލާލި ކޮންމެ ފިހާރައަކުން އިސްތިހާރުކޮށްލާފަ ހުރީ ވެސް ރަތް ހެދުންތަކެވެ.
މިއަދު މެޗު ބަލަން ގިނަ ބަޔަކު ގަލޮޅު ދަނޑަށް ދާއިރު ޓިކެޓު ނުލިބިގެން ދަނޑަށް ނުދެވޭ މީހުންނަށް މެޗުތައް ބޮޑު ސްކުރީނުގައި ބަލާލުމުގެ ފުރުސަތު މާލެގެ އެކި ތަންތަކުގައި މިވަނީ ފަހިކޮށްދީފައެވެ.
އަތޮޅުތެރެ ވެސް ރަތް ކޮށްލާފަ
މާލެ އެކަންޏެއް ނޫނެވެ. އަތޮޅު ތެރޭގައި ވެސް މިހާލެވެ. އެންމެވެސް ރަތް ޖޯޒީގައި ނުވަތަ ރަތް ހެދުމުގައެވެ. މިއަދު ގިނަ އިދާރާތަކުގެ މުވައްޒަފުން ވަޒީފާއަށް ނިކުތީ ވެސް ރަތް ހެދުމުގައެވެ. ބައެއް ރަށްތަކުގައި ބޮޑު ސްކްރީނުގައި މެޗް ބެލޭނެ އިންތިޒާމް ވެސް މިވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބު ކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.
މިރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ. އިންޑިއާއި ރާއްޖެ މެޗުގެ ޓިކެޓް ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައި ވާއިރު، ދިވެހީންނަށް ހާއްސަކޮށް ވިއްކާފައި ވަނީ 3000 ޓިކެޓެވެ.