އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މިރޭ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ހެންވޭރު އަލިމަސް ކާނިވާގެ އިތުރުން ސޯސަލް ސެންޓަރުގައި ހުންނަ ލެޑް ސްކްރީނުން އާންމުންގެ ގިނަ ބަޔަކަށް ބެލުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ޔޫތު މިނިސްޓްރީން ސޯސަލް ސެންޓަރުގައި މި އިންތިޒާމް ހަމަޖައްސާފައިވަނީ ސާފް ޗެމްޕިއަންޝިޕް ސްޕޮންސާ ކުރާ އުރީދޫ އާ ގުޅިގެންނެވެ. މީގެ އިތުރުން ކާނިވާ ސަރަހައްދުގައި މި އިންތިޒާމް ހަމަޖައްސާފައިވަނީ މީޑިއާނެޓް، މާލެ ސިޓީ ކައުންސިލް އަދި ޔޫތު މިނިސްޓްރީން އުރީދޫއާ ގުޅިގެންނެވެ.

ރާއްޖެ ކުޅޭ މެޗުތައް، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބެލޭނެ އިންތިޒާމު އެޗްޑީސީން ވެސް ވަނީ ދިރާގާއި ގުޅިގެން، އެ ކުންފުނީގެ ދިރާގު ޓީވީގެ ހިދުމަތް މެދުވެރިކޮށްދޭން ހަމަޖައްސާފައެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓު ސަރަހައްދުގެ އިތުރުން، އުސްފަސްގަނޑުގައި ތިބެގެން މެޗުތައް ބަލާލުމުގެ އިންތިޒާމް ސްޓެލްކޯ އިން ހަމަޖެއްސި އިރު، ކާނިވާ ސަރަހައްދުގައި ތިބެގެން މެޗުތައް ބަލާލެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ސޯޝަލް ސެންޓަރުންވެސް މެޗުތައް ބަލާލެވޭނެއެވެ.

މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ފެށާނީ 9 ޖަހާއިރެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމު ފައިނަލަށް ދާއިރު، ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރުގައެވެ.