ރާއްޖޭގައި ރިކްލެމޭޝަން، ނުވަތަ ބިން ހިއްކުމުގެ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރީ މި މަސައްކަތަށް އޮތް ޑިމާންޑާ އަޅާ ބަލާއިރު ދަށުގައި ކަމަށް، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކ. ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، އަސްލަމް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތްތައް މިވަގުތު ކުރެވެން އޮތީ ވަކި މިންވަރެއްގައި ކަމަށާއި، އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރީ ސަރުކާރު ހިއްސާވާ އެމްޓީސީސީގައި ކަމަށެވެ.

އެގޮތުން، ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެމްޓީސީސީގައި މިވަގުތު އޮތީ އެއް އަޕަސެކްޝަން ޑްރެޖަރަކާއި ދެ ކަޓަސެކްޝަން ޑްރެޖަރެއް ނަމަވެސް،، އޭގެ ތެރެއިން އެއް ކަަޓަސެކްޝަން ޑްރެޖަރު އޮތީ މުސްކުޅިވެފައި ކަމުން، އެ ޑްރެޖަރުގެ އެފިޝެންސީ ރަނގަޅެއް ނޫންކަމަށާއި، ދެން އޮތީ ޕްރައިވެްޓް ދެ ފަރާތަކުން ގެނގުޅޭ ދެ ކަޓަސެކްޝަން ޑްރެޖަރު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އެހެންކަމުން، ބިން ހިއްކުމުގެ މަސައްކަތުގެ ގާބިލިއްޔަތު އޮތީ މިކަމަށް އޮތް ޑިމާންޑާ ބަލާފަ ދަށުގައި ކަމަށާއި، ނަމަވެސް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

"ތިން ޕްރޮޖެކްޓެއް ނިންމާފަ، ހަތަރު ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް އެބަދޭ. ހަތް މަސައްކަތެއް ކޮންޓްރެކްޓް ކުރެވިފަ، ހަ މަސައްކަތެއް އަދި ކޮންޓްރެކްޓް ކުރުމަށްޓަކައި ކޮންސަލްޓަންސީ މަސައްކަތް ކުރިއަށް އެބަދޭ."
އަސްލަމް

މީގެ ތެރެއިން، ނިމިފައިވާ ތިން މަސައްކަތުގެ އަގު ގާތްގަނޑަކަށް 200 މިލިއަން ރުފިޔާ އަށް އަރާ ކަމަށާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ އަގު 413 މިލިއަން ރުފިޔާއަށް އަރާއިރު، ކޮންޓްރެކްޓް ކުރެވިފައިވާ ހަތް މަސައްކަތްތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް އަސްލަމް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ދިއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ލަސްވެގެން މި ދިޔައީ މަސައްކަތް ކުރުމުގެ ކެޕޭސިޓީގައި ލިމިޓޭޝަންތައް ހުރުމުގެ ސަބަބުން ކަމަށާއި، މިއަހަރުގެ ތެރޭ އެ މަސައްކަތް ބަޔަކާ ކޮންޓްރެކްޓް ކުރެވި، އަންނަ އަހަރުގެ ބަޖެޓުގައި މި މަސައްކަތް ހިމަނާނެ ކަމުގައިވެސް އަސްލަމް ވިދާޅުވިއެވެ.