ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ހިތްވަރު ދެއްވައިފިއެވެ.

ރައީސް ޔާމީންގެ ގެކޮޅު ކުރިމަތިން ގައުމީ ޓީމު ބަހުގައި ދަތުރުކުރި އިރު އެމަނިކުފާނު ވަނީ ގެކޮޅުގައި ހުންނަވައިގެން އަތުން އިޝާރާތް ކުރައްވާ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

ގައުމީ ޓީމުގެ ޖާޒީއެއްގައި ހުންނެވިއިރު ޔާމީން ވަނީ ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފައެވެ. އަދި އެ އިޝާރާތާ އެކު ބަހުގައި ތިބި ކުޅުންތެރިން ވެސް ވަނީ ރައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކޮށްފައެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. މި މެޗު އެއްވަރު ކޮށްލައިގެން ވެސް ރާއްޖެ އަށް މުބާރާތުގެ ފައިނަލަށް ދެވޭނެއެވެ.

އިންޑިއާއި ރާއްޖެ މެޗުގެ ޓިކެޓް ވިއްކަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައި ވާއިރު، ދިވެހީންނަށް ހާއްސަކޮށް ވިއްކާފައި ވަނީ 3000 ޓިކެޓެވެ.