ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތަށް ފަހު އޮންލައިންކޮށް ޓިކެޓް ވިއްކުން ފަދަ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވެފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މާދަމާ ރޭ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގެ ޓިކެޓު ގަތުމަށް ކިޔޫ ހަދާފައިވާ ސޯސަލް ސެންޓަރު ސަރަހައްދަށް ވަޑައިގެން ޓިކެޓް ފަދަ އެއްޗެހި ގޭގައި ތިބެގެން ގަނެވެން ޖެހޭނެ ކަމަށާއި ޔޫތް މިނިސްޓަރު މިކަމަށް ޖަބާބުދާރީ ކުރުވާނެ ކަމަށް ވިދާޅުވުވެފައި ވަނިކޮށެވެ.

މަހުލޫފް ވިދާޅުވީ، ކުރިން 12،000 މީހުންނަށް ވަދެވޭ ގަލޮޅު ރަސްމީ ދަނޑަށް މިހާރު ވަދެވެނީ 5،000 މީހުންނަށް ކަމަށެވެ. އެހެންވީ ދަނޑު ބާވެ ހަލާކުވުމުން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

"އާ ދަނޑެއް އަޅަން ފައިސާ ވަނީ ހަމަޖެހިފައި،"
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މަހްލޫފް ދެން ވިދާޅުވީ ސާފް މުބާރާތަށް ފަހު އޮންލައިންކޮށް ޓިކެޓު ވިއްކުން ކަހަލަ ބައެއް ބަދަލު ގެނެސްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އިންޑިއާއި ރާއްޖެ މެޗުގެ ޓިކެޓް އިރުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައި ވާއިރު، ދިވެހީންނަށް ހާއްސަކޮށް ވިއްކާފައިވަނީ 3000 ޓިކެޓެވެ. ރާއްޖެއިން ކުޅުނު ތިން މެޗުން 6 ޕޮއިންޓް ލިބުނުއިރު، އިންޑިއާ ކުޅުނު ތިން މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ.