އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ބެލުމަށް ޓިކެޓު ވިއްކަން މިއަދު ފެށި އިރު ފުރަތަމަ ޓިކެޓް ގަތީ މީގެ 18 ގަޑި އިރުކުރިން ކިއުގައި ޖެހުނު ސަޕޯޓަރެއް ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް ވަނީ މިއީ ހިތްވަރުގަދަ ސަޕޯޓަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަހުލޫފު ވަނީ "ޔަގީންކޮށް ޓިކެޓު ލިބޭނަމަ ކިތައްމެ އިރެއްވިޔަސް ހެޔޮކަމަށް" އެ ސަޕޯޓަރު ބުނި ކަމަށްވެސް ވިދާޅުވެފައެވެ.

މި މެޗުގެ ޓިކެޓް މިއަދު 10 ޖަހާއިރު ވިއްކަން ފަށާފައިވާއިރު ރޭ ސޯސަލް ސެންޓަރު ސަރަހައްދުގައި ވަނީ ކިޔޫ ހަދަން ފަށާފައެވެ.

މި މެޗުގައި ދިވެހީންނަށް 3000 ޓިކެޓު ހާއްސަކޮށްފައި ވާއިރު، ކޮންމެ މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓު ކަމަށް އެފްއޭއެމުން ވަނީ އަންގާފައެވެ. ޓިކެޓު ގަންނަން ދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދިއުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާ އާއި ރާއްޖެ ކުޅޭ މި މެޗަށް އަވޭ ޓީމަށް ހާއްސަކޮށްފައިވާ 200 ޓިކެޓްވެ. އަދި އެޓިކެޓްތައް ވިއްކަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުންނެވެ.

މާދަމާ ރޭ ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. އެ މެޗަށް ގިނަ ދިވެހިންތަކެއް އިންތިޒާރު ކުރަމުން އަންނަ އިރު މިހާރު ސާފް ޗެމްޕިއަންޝިޕްގެ ތާވަލުގައި ރާއްޖެ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.