ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގަތް ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ބޭރުގައި ހުންނެވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ދުބާއީ މަގުން ނަޝީދު މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ވެލާނާ އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ނަޝީދަށް މަރުހަބާ ދެންނެވުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އަދި އެމަނިކުފާނަށް މަރުހަބާ ދަންނަވަން ސަޕޯޓަރުން އެމްޑީޕީގެ ހަރުގެ ދޮށަށް ދިއުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

ނަޝީދު ރާއްޖޭގައި މަޑުކުރައްވަން ހަމަޖެހިފައިވަނީ ތިން ދުވަހުގެ ކުރު މުއްދަތަކަށެވެ.

މިދިޔަ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި ހުންނެވި އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށް ވަޑައިގަތެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.