ދިވެހިރާއްޖޭގެ އިސްނެގުމާއެކު ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓެއް އޮތުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގެއްކަމަށް ފުރަތަމަ ފަހަރަށް އދގެ އިންސާނީ ހައްގުތަކާއި ބެހޭ މަޖިލީހުން ކަނޑައަޅައިފިއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖެއިން އިތުރު 4 ގައުމަކާއެކު އިސްނަގައިގެން ފާއިތުވީ އަހަރުން ފެށިގެން ކުރަމުން އައި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެ ގައުމުތަކަކީ މޮރޮކޯ، ސްވިޒަލޭންޑް، ސްލޮވީނިއާ އަދި ކޮސްޓަރިކާއެވެ. އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މި ނިންމުން ފާސްކޮށްފައިވަނީ ވޯޓަކުންނެވެ. ކައުންސިލްގައި ތިއްބަވާ 47 މެމްބަރުންގެ ތެރެއިން މި ގަރާރާ އެއްކޮޅަށް ވޯޓުލާފައި ވަނީ 43 ގައުމުންނެވެ. ވަކި ގޮތަކަށް ވޯޓު ނުލާ 04 މެމްބަރުން ތިބިއިރު، އެ ގަރާރާ ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓުލާފައިއެއްނުވެއެވެ.

ފާއިތުވީ އަހަރުން ފެށިގެން، ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަ ދިވެހިރާއްޖެއިން އ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފީހުން މި ހައްގު އދ ގައި ކަނޑައެޅުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން މިއަދު ނިންމާފައިވާ މިނިންމުމަކީ، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ ދުނިޔޭގައި އެޅިގެންދިޔަ އިންގިލާބީ ފިޔަވަޅެކެވެ. މި ނިންމުމުގެ ސަބަބުން ސާފު، ސިއްހަތަށް ރަނގަޅު، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނުންގެ ދިރިހުރުމުގެ ހައްގާއި ސީދާ ގުޅިފައިވާކަމެއްކަމަށް ގައުމުތަކުން ވަނީ ބަލައިގަނެފައެވެ. އަދި، ޖައްވު ސާފުކޮށްބެހެއްޓުމާއި، ރައްކާތެރި މާހައުލެއް ބިނާކުރުމަށާއި ތިމާވެއްޓަށް ގެއްލުންހުރި ވިހަ ގޭސްތައް ޖައްވަށް ބޭރުކުރެވޭ މިންވަރު މަދުކޮށް ތިމާވެށި ހިމާޔަތްކުރުމަށް މި ގަރާރުގައި ގޮވާލާފައިވެއެވެ.