ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެއާއި ސްރީލަންކާ ބައްދަލުކުރާ މެޗު ބެލުމަށް އިތުރު 1000 ޓިކެޓް މިރޭ އާންމުންނަށް ވިއްކަން ނިންމުމާ ގުޅިގެން ސޯސަލް ސެންޓަރު ސަރަހައްދުގައި ކިޔޫ ހަދައިފިއެވެ.

މާދަމާގެ މެޗަށް ވަނުމަށް ގިނަ އަދަދެއްގެ މީހުން އެދެމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ބައްދަލު ކުރާ މެޗުގެ މިރޭ ވިއްކާ ޓިކެޓު ގަތުމަށް ސޯޝަލް ސެންޓަރު ސަރަހައްދުގައި ހަދާފައިވާ ކިޔޫ / ފޮޓޯ: ދަ ޕްރެސް

އެ 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 08:00ގައި ސޯޝަލް ސެންޓަރުގައި ކަމަށް އެފްއޭއެމްއިން ބުނެއެވެ.

އެފްއޭއެމުން ބުނީ, ކުޅުންތެރިންނާއި އާއިލާ އަދި ސްޕޮންސަރުންނާއި ފުޓްބޯޅަ ކުލަބްތަކަށް ވިއްކުމަށް ހަމަޖެހިފައިވާ 2500 ޓިކެޓްގެ އިތުރުން، ބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ.

ގިނަ ބަޔަކު ދެތިން ގަޑިއިރު ޓިކެޓު ގަތުމަށް ގަލޮޅު ދަނޑު ކައިރީގައި ތިބިއިރު ކުއްލިއަކަށް ޓިކެޓު ހުސްވި ކަމަށް ބުނުމާ ގުޅިގެން އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ވަނީ ގޮވާފައެވެ.