ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހި ރާއްޖެއާ ސްރީލަންކާ ބައްދަލުކުރާ މެޗު ބެލުމަށް އިތުރު 1000 ޓިކެޓް އާންމުންނަށް ވިއްކުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑްވިސް އެފްއޭއެމްއިން ނިންމައިފިއެވެ.
އެފްއޭއެމް ބުނީ ދިވެހިރާއްޖޭގައި މި މަހުގެ 1 އިން 16 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ބައްދަލުކުރާ ދެ ގައުމަކީ ދިވެހިރާއްޖެ އާއި ސްރީލަންކާ އެވެ.
އެ މެޗުގެ ކުޅިބެލުމަށް ކުޅުންތެރިންގެ އާއިލާ އާ އެފްއޭއެމުގެ ސްޕޮންސަރުންނާ ފުޓްބޯޅަ ކުލަބުތަކަށް ވިއްކުމަށް ހަމަޖައްސާފައިވާ 2500 ޓިކެޓުގެ އިތުރުން ކުޅިބެލުންތެރިންނަށް ވިއްކުމަށް ހަމަޖައްސާފައިވާ ހުރިހާ ޓިކެޓެއް މިހާރު ހުސްވެފައިވާ ކަމަށް އެފްއޭއިމް އިން ވަނީ ބުނެފައެވެ.
ނަމަވެސް ދިވެހިރާއްޖެ ކުޅޭ އެމެޗުގެ ކުޅިބަލަން ދަނޑަށް ވަނުމަށް ގިނަ އަދަދެއްގެ ބަޔަކު އެދެމުންދާތީ އެކަމަށް ހައްލެއް ހޯދައިދިނުމަށް އެފްއޭއެމުން ނިންމާފައިވާ ކަމަށާ އެ ގޮތުން ސްޕޮންސަރުންނާ ކުލަބުތަކަށް އަދި ކުޅުންތެރިންގެ އާއިލާތަކަށް ވިއްކުމަށް ހަޖެހިފައިވާ ޓިކެޓްތަކުގެ ތެރެއިން އިތުރު 1000 ޓިކެޓް ސަޕޯޓަރުންނަށް ވިއްކުމަށް ނިންމާފައިވާ ކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.
އެ 1000 ޓިކެޓް ވިއްކަން ފަށާނީ މީހަކަށް ޓިކެޓެއްގެ މަގުން މިރޭ 08:00ގައި ސޯޝަލް ސެންޓަރުގައި ކަމަށް އެފްއޭއެމްއިން ބުނެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓު ވިއްކުން ހުއްޓާލުމާ ގުޅިގެން އާންމުން ވަނީ ދަނޑު ބޭރުގައި އިހުތިޖާޖު ކޮށްފައެވެ.
ގިނަ ބަޔަކު ދެތިން ގަޑިއިރު ޓިކެޓު ގަތުމަށް ގަލޮޅު ދަނޑު ކައިރީގައި ތިބިއިރު ކުއްލިއަކަށް ޓިކެޓު ހުސްވުމާ ގުޅިގެން އަންނަނީ އިހުތިޖާޖުކޮށް އެފްއޭއެމްގެ އިސްވެރިންގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.