މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަން ނުކުރަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެހެންކަމުން އެމަނިކުފާނުގެ އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމާއި ހަމައަށް މިހާރެކޭ އެއްގޮތައް އެމަނިކުފާނު ހުންނަވަން ޖެހިވަޑައިގަންނަވާނީ ބަންދުގައެވެ.

މިހާރު ކުރިއަށްދާ ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ފަނޑިޔަރު މަހާޒް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ގާނޫނީ އުސޫލެއް ރާއްޖޭގައި ނެތް ކަމަށެވެ. އެހެންކަމުން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލެވެން ނެތް ކަމަށް މަހާޒް ވިދާޅުވިއެވެ. އޭނާގެ ރައުޔަށް ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއިދު ކުރައްވާފައެވެ.

މިއަދު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރެވެން ވެސް ނެތް ކަމަށްވެސް ބުނެފައެވެ. ނަމަވެސް, އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއެކު ކޮށްފައިވާ ފަަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުން ވަނީ ފަސްކޮށްފައެވެ.

ޔާމީންގެ މައްޗަށް ނޮވެމްބަރު 29، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، ފަސް އަހަރުގެ ޖަލު ހުކުމެއް ކޮށް، ފަސް މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ހުކުމް ކޮށްފައެވެ. މި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން އެ ކޯތުން އެ މައްސަލަ ބަލައިގަތީ މިދިޔަ އޭޕްރިލް މަހުގެ 19 ގައެވެ.

މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ޔާމީން އިންކާރު ކުރައްވައެވެ.