އިންގްލިޝް ޕްރިމިއާ ލީގުގައި އިއްޔެ 6 މެޗު ކުޅުނު އިރު ޗެލްސީއާ ސައުތް ހެމްޓަން ބައްދަލުކުރި މެޗުން މޮޅުވެ ޗެލްސީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 3-1 ގެ ސްކޯލައިނަކުންނެވެ. މެޗުގެ 9 ވަނަ މިނެޓްގައި ޗެލްސީން ލީޑު ނެގި އިރު މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޒުވާން ފޯވަޑް ޓްރެވާ ޗަލޯބާއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީން އިތުރު ލަނޑެއް ޖެހި ނަމަވެސް އެލަނޑު ޖެހުމުގެ ކުރިން ޗެލްސީގެ ކުޅުންތެރިއަކު ފައުލްކުރި ކަމަށް ނިންމާ މެޗުގެ ރެފްރީ އެލަނޑު ބަލައެއް ނުގަތެވެ.
ދެވަނަ ހާފްގައި ވަރުގަދަ ކުޅުމެއް ދައްކަމުން ދިޔަ ސައުތްހެމްޓަން އިން ވަނީ މެޗުގެ 61 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ ސްކޯ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކެޕްޓަން ޖޭމްސް ވޯޑް-ޕްރައުސްއެވެ. ދެން ވެސް ލަނޑު ޖަހާނީ ސައުތްހެމްޓަން ހެން ހީވި ނަމަވެސް މެޗުގެ 77 ވަނަ މިނެޓް ވޯޑް-ޕްރައުސް ޗެލްސީގެ ޖޯޖީނިއޯއަށް ކުރި ފައުލަކަށް އޭނާއަށް ސީދާ ރަތް ކާޑެއް ދެއްކުމުން މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ.
އަދި މެޗުގެ ބާކީ އޮތް ވަގުތުގައި ޗެލްސީން ދެލަނޑު ޖަހާ ނަތީޖާ ކަށަވަރުކުރިއެވެ. މިލަނޑުތައް އެޓީމަށް ކާމިޔާބުކޮށް ދިނީ ޓީމޯ ވާނާއާ ބެން ޗިލްވެލްއެވެ.
މިމޮޅާއެކު ޗެލްސީ މިވަނީ ކުޅުނު 7 މެޗުން 16 ޕޮއިންޓް ހޯދައިގެން ތާވަލުގެ 1 ވަނައަށް ޖެހިލާފައެވެ.
ރޭ ކުޅުނު އެހެން މެޗަކަށް ބަލާ އިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ އެވަޓަންއާ ކުޅެ 1-1 އެއްވަރުވެފައެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ވެސް އެޓީމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އެންތޮނީ މާޝިއަލްއެވެ.
އެހެން ނަމަވެސް މެޗުގެ 65 ވަނަ މިނެޓްގައި އެވަޓަންގެ އެންޑްރޯސް ޓައުންސެންޑް ޖަހާ ދިން ލަނޑާއެކު މެޗުގެ ސްކޯ 1-1 އަކަށް ވިއެވެ.
އެސްކޯލައިންގައި އޮވެ މެޗު ނިމުނު އިރު ޔުނައިޓެޑް މިހާރު އޮތީ ތާވަލުގެ 3 ވަނައިގައެވެ.
ހޮނިހިރު ދުވަހު ބާންލީއާ ނޯވިޗް ކުޅުނު މެޗު 0-0 އަކުން އެއްވަރުވި އިރު ލީޑްސް ވަނީ 1-0 އަކުން ވޮޓްފޯޑްގެ މައްޗަށް ކުރި ހޯދާފައެވެ. އަދި ވުލްވްސް 2-1 އަކުން ނިއުކާސަލް ބަލިކުރި އިރު އާސަނަލްއާ ބްރައިޓަން ވާދަކުރި މެޗުވީ 0-0 އަކުން އެއްވަރެވެ.