ނޭޕާލު އަތުން ރާއްޖެ ބަލިވުމަކީ ޕްރެޝަރެއް ކަމަށް ގައުމީ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ރޭގެ މެޗުގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ ނޭޕާލާއެވެ. އެ މެޗުން 1 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ނޭޕާލް ޓީމެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭނު ބުނީ މިހާރު ގައުމީ ޓީމަށް އޮތީ މުބާރާތް ފެށުމުގެ ކުރިން އޮތް ހާލަތަށްވުރެ ދަތި ހާލަތެއް ކަމަށެވެ.

އެގޮތުން ފުރަތަމަ މެޗުން 3 ޕޮއިންޓު ކަށަވަރު ނުކުރެވުމަކީ އިތުރަށް ޓީމަށް ޕްރެޝަރު އޮންނާނެ ކަމެއް ކަމަށް ސުޒޭން ބުންޏެވެ. މިހާރު އޮތް ހާލަތަކީ އަލުން ފަށައިގަނެ އިތުރު ގިނަ މަސައްކަތްތަކެއް ކުރުން ލާޒިމުވާ ހާލަތެއް ކަމަށް ޗުޒޭން ވަނީ ފާހަގަކޮށްފައެވެ.

ރަނގަޅަށް ކުޅެވުނު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ބައެއް ހާލަތްތަކުގައި. އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ޓީމު ޕްރެޝަރަށް ވެއްޓިގެންދިޔަ ދެ ތިން ފަހަރެއް ދިޔަ. އޭގެ ތެރެއިން އެއް ފަހަރު ނޭޕާލުން މި ސްކޯކުރީ. ނޭޕާލަށް މަރުހަބާ ކިޔަން، ފުރަތަމަ މެޗު ގެއްލިގެންދިއުމަކީ ޕްރެޝަރެއް. ޝައްކެއް ނެތް ކަމެއް. މިހާރު މި އޮތީ ކުރިއަށްވުރެ އުނދަގޫ ހާލަތެއް. ދެން އެއަށް ގޮތްތަކެއް ރާވައިގެން ހައްލު ގެންނަން ޖެހޭނީ
ގައުމީ ކޯޗު އަލީ ސުޒޭން

މީގެ ކުރިން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރި އެއްވެސް މެޗެއްގައި ނޭޕާލަށް ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ނޭޕާލްއަށް ލަނޑު ކާމިޔާބުކޮށް ދިނީ މެޗުގެ 86 ވަނަ މިނެޓްގައި މާނިޝް ޑަންގީއެވެ.

ރާއްޖެ ދެން ކުޅެނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.