ގާނޫނާ ހިލާފަށް ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

މިޕެޓިޝަންގައި ސޮއި ކުރަން ފަށާފައި ވަނީ "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ރޭ އިދިކޮޅުން ކާނިވާ ސަރަހައްދުގާ ބޭއްވި ޖަލްސާގައެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުން ތަކެއް ގާއިމްކޮށް، އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު ދީފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި ދިވެހިރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި، ދިވެހި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާފައިވާތީ، ދިވެހިރާއްޖޭގައި ގާނޫނާއި ހިލާފަށް މިހާރުތިބި އިންޑިއާގެ އެންމެހާ އަސްކަރީ ފަރާތްތަކާއި ވަސީލަތްތައް ދިވެހި ބިމުން ބޭލުމަށް އިންޑިޔާގެ ސަރުކާރުގައި އެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.

ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާ އެކު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހި ކުރައްވާފައެވެ. އިންޑިއާގެ ސިފައިން މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދެއްގައި ތިބި އިރު އަސްކަރީ ގޮތުން އިންޑިއާގެ އެހީ މި ސަރުކާރުން ދަނީ ފުޅާދާއިރާއެއްގައި ބޭނުން ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އެންމެ ބޮޑަށް އަޑުއުލާފައިވާ އިންޑިއާ ސަރުކާރުން ރާއްޖޭގައި ނުފޫޒު ގަދަކުރާ ކަމަށް ބުނެއެވެ.