ސަރުކާރުން އިންޓަނެޓްގެ އަގުހެޔޮ ކުރަން އިސްނަގާ ކުރި މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ މޮބައިލް އިންޓަނެޓް ޕެކޭޖްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑްވްސް އިން އެޕްރޫވް ކުރި ގޮތަށް ބަދަލުތައް މާދަމާ ގެންނަން ނިންމައިފިއެވެ.

ދިރާގުން ބުނީ ގެނެވޭ ބަދަލާއެކު ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންތަކަށް 29 ޕަސަންޓާ ހަމައަށް އިތުރު އެލަވަންސް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން، ޑޭޓާގެ އަގު 22 ޕަސަންޓާ ހަމައަށް ހެޔޮ ވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކަށް 36 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށާ އެގޮތުން، ކޮމްބޯ ޕްލޭންގެ ޑޭޓާގެ އަގު 33 ޕަސަންޓާ ހަމައަށް ހެޔޮވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން، އެލްޓީއީ ބްރޯޑްބޭންޑް "ވަގުތުން ގެއަށް އިންޓަނެޓް" ޕެކޭޖްތަކަށް 30 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބުމުގެ އިތުރަށް އިންޓަނެޓްގެ ސްޕީޑް 10 އެމްބީޕީއެސް އިން 25 އެމްބީޕީއެސް އާ ހަމައަށް އިތުރު ވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ގެނައި ހެޔޮ ބަދަލާއެކު ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ގިނަ ކަންތައްތައް އިންޓަނެޓް މެދުވެރިކޮށް ކުރެއްވޭނެ ކަމަށާ އަދި ކޮންމެ ޖީބީއަކަށް ދާ ހަރަދު ނިސްބަތުން ހެޔޮވެގެންދާނެ ކަމަށެވެ.

ދިރާގުގެ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކީ ކަސްޓަމަރުންނަށް މޮބައިލް ބޭނުންކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ އަދި ވޮއިސް ބޭނުން މިންވަރަކަށް ސެޓްކޮށްލެވޭގޮތައް ފަރުމާކޮށްފަވާ ޕްލޭނެއް ކަމަށް ދިރާގުން ބުނެއެވެ. އަދި އަމިއްލަ ޕޯސްޓްޕެއިޑްގެ "ވެލިއު ޕެކެސް" އިން އެ ކަސްޓަމަރެއްގެ މޮބައިލް ޔޫސޭޖަށް ބިނާކޮށް، އެ ވެލިއު ޕެކްތަކުން ބޭނުންވާ ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ ވެލިއު ޕެކްތަކުގެ ތެރޭގައި ޗެޓް، ސޯޝަލް މީޑިއާ، ވޮއިސް، ޑޭޓާ އަދި ސްޓްރީމިން އެޑްއޮންސް ހިމެނޭ ކަމަށެވެ. ސްޓްރީމިން އެޑްއޮންގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ ހިމެނޭއިރު ރާއްޖެއިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕްކްސް ވެސް ހިމަނާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ހަމައެއާއެކު، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކޮށްލާގެން ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ ހަމަ އެންމެ ޕްލޭނަކުން ލިބެން ހުންނާނެ ކަމަށް ވެސް ދިރާގުން ބުނެއެވެ.

އޭގެ އިތުރުން، އެ ޕްލޭންތަކުން ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާ ސްޓްރީމިން، ޗެޓް އަދި ސޯޝަލް މީޑިއާގެ އިތުރު ހިލޭ ޕާކްސް ވެސް ހަމަ އެންމެ އެކްޓިވޭޝަނަކުން ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މޮބައިލް އިންޓަނެޓް ޕްކޭޖްތަކަށް މި އަންނަ ބަދަލުތައް އޮކްޓޫބަރު 1، 2021 ގެ 00:00 އިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށާ އެދުވަހުގެ 06:00 އަށް ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ބަދަލުތައް ފެންނާނެ ކަމަށެވެ. ދިރާގު މައި އެކައުންޓް އަދި މޮބައިލް އެޕްލިކޭޝަންގައި އެ ބަދަލުތައް ފެންނަން ވަގުތު ކޮޅެއް ނަގާފާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ބަދަލުކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުމަށް ފާގަތިކަމާ ތަނަވަސްކަން ގެނެސްދިނުން ކަމަށް ދިރާގުން ބުނެއެވެ.