މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަވަން ޖެހޭ ފަސް މިލިއަން އެމެރިކާ ޑޮލަރު ދައްކާފައި ނުވާތީ، އެޓާނީ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ޔާމީންގެ މައްސަލަ އޭޖީ އޮފީހުން ސިވިލް ކޯޓަށް ހުށަހަޅާފައި މިވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްފަހު، އިސްތިއުނާފީ އަޑުއެހުންތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގަ ބުނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމުން، އެ ކުށުގެ އަދަބެއްގެ ގޮތުން ޔާމީނު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމުގެ އިތުރުން، ދައުލަތަށް ދައްކަންޖެހޭ ފަސް މިލިއަން އެމެރިކާ ޑޮލަރު ދައްކާފައި ނުވާތީ، އެ ބައި ތަންފީޒު ކުރުމަށް ދައުލަތުން މިދިޔަ މަހުގެ 24 ގަ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދާ ގޮތަށް އެ ކޯޓުން ރަޖިސްޓްރީ ކޮށްފަ ވާތީ އެ މައްސަލައިގެ ހުކުމް ތަންފީޒު ކުރުމުގެ ފުރަތަމަ އަޑުއެހުން އަންނަ މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:20 އަށް ތާވަލުކޮށްފައިވާ ކަމަށް އެ ކޯޓުން އޭޖީ އޮފީހަށް އަންގާފައިވާ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެމަނިކުފާނުގެ މައްޗަށް 5 އަހަަރުގެ ދުވަހުގެ ޖަލު ހުކުމެއް އިއްވުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ޔާމީންގެ މައްޗަށް އިތުރު މައްސަލައެއްގައި ވެސް ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލައި ކުރިމިނަލް ކޯޓުގައި ޝަރީއަތް ފަށާފައެވެ. އެއީ، ރިސޯޓް ހެދުމަށް ދޫކުރި މުއާމަލާތުން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދެއްވި ކަމުގެ ތުހުމަތު ކުރާ މައްސަލައެކެވެ.