އިއުލާނު ކުރުމެއްނެތި ސޮފްޓްވެއާއެއް ޑެވެލޮޕްކުރަން މީހަކާ ހަވާލުކުރި މައްސަލައިގެ ތަހުގީގު އޭސީސީން ނިންމައި، ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝިފާއު ހުވަދޫގެ ގދ.ތިނަދޫގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.

އޭސީސީން ބުނީ ވެމްކޯގައި ބޭނުންކުރަމުންދާ “ވެށިފާރަ” ސޮފްޓްވެއާ އަކީ އިއުލާނު ކުރުމެއް ނެތި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ބޭނުންވާ ލޯކަލް ސޮފްޓްވެއާ ޑިވެލޮޕަރަކާ ހަވާލުކޮށްގެން އެއްމިލިއަން ރުފިޔާ އަށް ޑިވެލޮޕްކޮށްފައިވާ ސޮފްޓްވެއާއެއް ކަމަށް ބުނާ މައްސަލަ ތަހުގީގްކޮށްނިންމައި، އެ މައްސަލާގައި ދައުވާކޮށްކޮށް ދިނުމަށް އެދި މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ހަވާލުކުރުމުގެ ހުރިހާ ކަމެއް ދިޔައީ ޝިފާއުގެ ބެލުމުގެ ދަށުންކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އިނގޭ ކަމަށާއި ނޮނި ސޮލިއުޝަންގެ އޯނާ އާއި ޝިފާއު އާ ގާތް ގުޅުން އޮންނަކަން އޭސީސީގެ ތަހުގީގުން އިނގޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ވެމްކޯގެ އިމަޖެންސީ ރިކުއެސްޓްތަކަށް ކޯޓޭޝަން ހޯދަނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް އެ ރިކުއެސްޓެއް ހުށަހެޅުމުން އެ ޑިޕާޓްމަންޓުންކަމަށް ވީނަމަވެސް، ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ނޮނި ސޮލިއުޝަންއާ ހަވާލުކުރީ މި އުސޫލާ ހިލާފަށް އަދި ވެމްކޯގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށްކަން އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ވެށިފާރަ ސޮފްޓްވެއާ ޑިވެލޮޕް ކުރުމަށް ވެމްކޯއިން ނޮނި ސޮލިއުޝަންއާ ހަވާލުކުރުމާ ހަމައިން ފެށިގެން ނޮނި ސޮލިއުޝަންގެ އޯނާގެ އެކައުންޓުން ޝިފާއުގެ އެކަންޓަށް އެކި ދުވަސްމަތިން ފައިސާ ޓްރާންސްފާ ކޮށްފައިވާކަން ތަހުގީގަށް އިނގިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން އިތުރަށް ބުނީ، މި މައްސަލައިގައި ޝިފާއު ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން އަދި އޭނާ އާ ނޮނި ސޮލިއުޝަންގެ އޯނާއާ ދެމެދު އޮތް ގާތްގުޅުމުގެ ތެރެއިން ނޮނި ސޮލިއުޝަންގެ އޯނާއަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމާއި، އަދި މި މައްސަލައިގައި ޝިފާއު ނާޖާއިޒު ފައިދާ ހޯދާފައިވާކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.