ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް 11 ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާ ކޮށްފައިވަނީ އުމުރުން މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު (36)އގެ މައްޗަށް ކަމަށެވެ.
އޭނާއަށް ދައުވާ ކޮށްފައިވަނީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާ، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާ އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
މަސާއިދުގެ މައްޗަށް ކުރާ ދައުވާތައް:
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 622 ވަނަ މާއްދާގެ ދަށުން، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 (ތިނެއް) ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 622 ވަނަ މާއްދާގެ ދަށުން، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 (ތިނެއް) ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 232 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 530 ވަނަ މާއްދާގެ ދަށުން، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ،
- ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު)ގެ 230 ވަނަ މާއްދާގެ ދަށުން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.
މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލާފައެވެ. އެހެންނަމަވެސް މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލާފައެވެ.
ފުލުހުން ވަނީ މަސާއިދު ބޭނުންކުރި ކަމަށް ބުނާ އައިޕީ އެޑްރެސް މެދުވެރިކޮށް، ވިކްޓިމްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާ އަށް ލީކްކޮށްފައިވާކަން އެނގޭ ސްނެޕްޝޮޓްތަކެއް ކޯޓަށް ހުށަހަޅައިފައެވެ.
މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.