ނިޒާމީ ވޯޓަކަށް މި ވަގުތުވެސް އަހައިފި ނަމަ ކުރި ލިބޭނީ ރިޔާސީ ނިޒާމަކަށް ކަން ޔަގީންވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވެފައި ވަނީ އިއްޔެ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން ބަރުލަމާނީ ނިޒާމް އިސްތިހާރު ކުރި ގިނަ ކެންޑިޑޭޓުންނަށް ނާކާމިޔާބު ވުމާ ގުޅިގެންނެވެ. ޝަރީފް ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ވަކާލާތު ކުރާ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި މި ވަގުތު ނިޒާމުގެ ފެންނަ ނުފެންނަ ވޯޓަކަށް އައިފިނަމަވެސް މެޖޯރިޓީ ލިބޭނީ ރިޔާސީ ނިޒާމަށް ކަން ޔަގީންވެވަޑައިގެންފި ކަމަށެވެ.
އެމްޑީޕީން އެތެރޭގެ އިންތިހާބަށް ތައްޔާރު ވަމުން ދިޔަ އިރު އެމްޑީޕީ ވަނީ ދެބައި ވެފައެވެ. އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ބަލާއިރު، އެއް ބަޔަކީ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރާ ކެންޑިޑޭޓުންނެވެ. އަނެއް ބަޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރާ ކެންޑިޑޭޓުންނެވެ.
އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ ނަޝީދުގެ ފެކްޝަނުގެ މައްޗަށް ކުރި ހޯދާފައެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ 97 ދާއިރާގެ ތެރެއިން ރައީސްގެ ފެކްޝަނުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ. އަދި މިހާރު ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް އެމްޑީޕީ ގައުމީ މަޖިލީހުގެ 114 ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ވެއްޖެ ނަމަ ރައިސް ނަޝީދުގެ ފެކްޝަނަށް ކާމިޔާބު ކުރެވޭނީ 53 ގޮނޑިއެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ އެމްޑީޕީގެ ކުރިމަގު ބިނާ ނކުރުމުގައި ހާއްސަ ދައުރެއް ދައްކުވައިދޭނެ އިންތިހާބެކެވެ. މި އިންތިހާބުގެ ނަތީޖާ ގުޅިފައި ވަނީ ކުރިއަށް ރިޔާސީ އިންތިހާބާއެވެ. އެމްޑީޕީ ދެބައި ވެފައި އޮތް މި ދަނޑިވަޅުގައި ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު ރިޔާސީ އިންތިހާބަށް ނުކުންނާނީ ކޮން ކެންޑިޑޭޓެއް ކަން މި އިންތިހާބުގެ ނަތީޖާ އިން ކަށަވަރު ވެގެން ދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.