އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ހުކުމް ކުރެއްވި ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ލީކުވި ތިން ފަނޑިޔާރުން ކަމަށްވާ ގާޒީ ހުސައިން ފާއިޒު ރަޝާދާއި ގާޒީ އަލީ އާދަމް އާއި، ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރާ ތަހުގީގު ފަސް ދުވަހުގެ ތެރޭ ނިންމާނެކަމުގެ ޔަގީންކަން ދިން ކަމަށް، އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އެ މައްސަލަ އާ ގުޅިގެން ޕީޕީއެމްގެ އިސްވެރިން ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަދި ފުލުހުންގެ އިތުރު އިސްވެރިންނާއި މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބައްދަލު ކުރައްވާފައެވެ.

ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ، އިދިކޮޅު ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ތިން ފަނޑިޔާރުންގެ އަޑުކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށް ގެންދާ ތަހުގީގު ފަސް ދުވަހުގެ ތެރޭ ނިންމާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށާއި، މިއަދުން ފެށިގެން އެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ތަހުގީގު ހިނގަމުންދާ ގޮތާއި މެދު ވަނީ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ތަހުގީގާ ގުޅުން ހުރި ބައެއް ކަންބޮޑުވުންތައްވެސް މީޑިއާ އާ ހިއްސާ ކުރައްވާފައެވެ.

އަމިއްލަ ފަރާތެއް މެދުވެރިކޮށް ތަހުގީގު ކުރާ ކަމަށް އެނގިފަ ވަނީ، އެއީ ކަންބޮޑުވާ ކަމެއް. އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކެން
އަބްދުއްރަހީމް

އެހެންވެ، އެކަމާ ގުޅުން ހުރި، ގާބިލު ފަރާތެއް ބޭރުން ގެނެސްގެން ތަހުގީގު ކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް އެ ފަރާތްތައް ބައިވެރިވާ ނަމަ ތަހުގީގަށް އިތުރު މުއްދަތު ނަގާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަމައެއާއެކު ސުޕްރީމް ކޯޓުގައި ޔާމީނުގެ މައްސަލައެއް މިވަގުތު ހިނގަމުންދާ ދަނޑިވަޅެއްގައި އެ މައްސަލާގައި ހުކުމް އިއްވާ ފަހުން، ލީކުވި އޯޑިއޯތަކުގެ ތަހުގީގު ނިމި، އެ އޯޑިއޯތަކުގައި އެއީ ފަނޑިޔާރުންގެ އަޑު ކަން ހާމަވެއްޖެ ނަމަ، އެކަމުގެ ސަބަބުން ޔާމީނަށް އިންސާފު ނުލިބި، އޭނާގެ ހައްގުތައް ގެއްލިގެން ދާނެ ކަމަށެވެ.

ދާދިފަހުން، އަބްދުއްރަހީމް ވަނީ އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔާމީނުގެ ޝަރީއަތް މަޑުޖައްސާލުމަށްފަހު ކަމަށް ވިޔަސް، ފަނޑިޔާރުންގެ ލީކުވި އޯޑިއޯތަކުގެ މައްސަލަ ބަލައިދިނުމަށް އުއްތަމަ ފަނޑިޔާރު މުހައްމަދު މުއުތަސިމް އަދުނާންގެ ކިބައިން އެދިވަޑައިގެންފައެވެ.

އޯޑިއޯގެ މައްސަލައަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި ދެކޭތީ އެކަން އަވަސް ކޮށްދިނުމަށް އެދި މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވަނީ ޕީޖީ އޮފީހަށް ސިޓީއެއްވެސް ފޮނުވާފައެވެ.