ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ ސާވާ ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ޓީޗާ ބޭސްޑް އެސެސްމެންޓްގެ ނަތީޖާ ދިނުން ފަސްކުރި ކަމަށް އެ ޑިޕާޓްމަންޓުން ބުނެފިއެވެ.

ޑީޕީއީން ނެރުނު ބަޔާނެއްގައި ބުނީ އެ ޑިޕާޓްމަންޓުގެ ސާވާ ސިސްޓަމަށް ސެޕްޓެންބަރު 21، 2021 ވަނަ ދުވަހު ދިމާވި މައްސަލައަކާ ގުޅިގެން ސާވާ މެދުވެރިކޮށް، ކުރަންޖެހޭ މަސައްކަތް ވަނީ ވަގުތީގޮތުން ހުއްޓިފާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

އިތުރަށް އެ ޑިޕާޓްމަންޓުން ބުނީ ނަތީޖާ ދޫކުރެވޭނެ ސީދާ ތާރީހެއް އެނގޭނީ ސާވާއަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު ކަމަށެވެ.

އިއްޔެ ވަނީ ޑީޕީއީގެ ސިސްޓަމުތަކަށް ރެންސަމްވެއާގެ އެޓޭކެއް ދީފައެވެ. އެހެންނަމަވެސް، އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އަދި އެ މިނިސްޓަރީން ބުނީ ރެންސަމްވެއާ އެޓޭކު ވަގުތުން ޑީޕީއީގެ އައިޓީ މުވައްޒަފުންގެ ސަމާލުކަމަށް އައިސް، އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައިވާ ކަމަށެވެ.