ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީޕީއީ)ގެ ސިސްޓަމުތަކަށް ރެންސަމްވެއާގެ އެޓޭކެއް ދީފައިވާ ކަމަށާއި އެހެންނަމަވެސް އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ގޮސްފާނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީންގެ ދަށުން ހިންގަމުން އަންނަ ޑީޕީއީއަށް ރެންސަމްވެއާ ހަމަލާދީފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރު ކޮށްދީފައެވެ. އެހެންނަމަވެސް ސިސްޓަމުތައް ހައިޖެކު ނުކުރާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓަރީން ބުނީ ރެންސަމްވެއާ އެޓޭކު ވަގުތުން ޑީޕީއީގެ އައިޓީ މުވައްޒަފުންގެ ސަމާލުކަމަށް އައިސް، އަޅަންޖެހޭ ފިޔަވަޅުތައްވަނީ އަޅާފައިވާ ކަމަށެވެ. އަދި އެ އިދާރާގެ އެއްވެސް ސިސްޓަމެއް ހެކަރުންގެ އަތްދަށަށް ނުދާކަމަށާއި މުހިއްމު ފައިލުތައް ރައްކާތެރިކަމާއެކު ހުރިކަމުގެ ޔަގީންކަން ދޭ ކަމަށް ބުންޏެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ޑީޕީއީގެ އައިޓީ މުވައްޒަފުންގެ މަސައްކަތުން، ދަތިނުވެ ތަނުގެ މަސައްކަތް ކުރެވޭ ހާލަތަށް އެތަން ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

މިކަމާއި ގުޅިގެން އިތުރަށް ކުރަންޖެހޭ ކަންތައްތައް ކުރެވެމުންދާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.