ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ގާނޫނުގެ އިސްލާހުގައި ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައި އޮތުމުން އެޑިޓާސް ގިލްޑު މޯލްޑިވްސް އިން ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޑިޓާސް ގިލްޑުން ބުނީ، މިހާރު ރާއްޖޭގައި އޮތް ހެއްކާބެހޭ ގާނޫނަށް، ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރަން ސަރުކާރުން ހުށަހަޅާފައި އިސްލާހާ ގުޅިގެން އެ ޖަމްއިއްޔާއިން ކަންބޮޑުވާ ކަމަށެވެ.

އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ދިމިގްރާތީ ވެށީގެ ޅަ ކަމާއި، ފަނޑިޔާރު ގެތަކަށް އެކި ނުފޫޒު އޮންނަ ކަމަށް ތުހުމަތު ކުރެވޭ މާހައުލެއްގައި، ފަނޑިޔާރުން ބޭނުންވެއްޖެ ނަމަ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އިސްލާހު ކުރުމުގެ ނަތީޖައަކަށް ވާނީ މިނިވަން ނޫސްވެރިކަން ނެތިދިއުން ކަމަށެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ހަމަތަކާއި އާންމު ގަބޫލު ކުރުންތަކުގައިވެސް މަސްދަރު ނުވަތަ ސޯސް ހާމަ ކުރުމަކީ ދިމިގްރާތީ ވެށީގައި އަމަލު ކުރާ ގޮތް ކަމަށް ނުވާއިރު މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރުވުމުގެ ނަތީޖައަކަށް ވާނީ، ކޮރަޕްޝަނާއި ފަސާދައާއި އެނޫންވެސް އެކިއެކި ކަންކަމުގައި އެކިއެކި ފަރާތްތަކުން މީޑިއާތަކަށް މައުލޫމާތު ދޭން ފަސްޖެހި ބިރުވެރިކަމެއްގެ ތެރެއަށް ދިއުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި، ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް މެ ލިބިގެންވާ ކަމަށާއި ހަބަރާއި މައުލޫމާތާއި އެމީހަކަށް ފެންނަ ގޮތްތަކާއި ހިޔާލުފާޅު ކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން އޮތް އިރު ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްގެން ނުވާނެ ކަމަށާއި ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ހުށަހެޅި އެ އިސްލާހު ވަގުތުން އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ.

ހެއްކާބެހޭ ގާނުނުގައި ނޫސްވެރިން ނޫސްވެރިންނާއި މީޑިއާއަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފައި އޮތުމުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.

މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ގާނުނުގެ އިސްލާހު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.