މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 10 ޖަމިއްޔާއަކުން ފާޑުކިޔާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރަން ގޮވައިލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް ސޯލިހަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް އެ ބިލު ތަސްދީގު ކުރެއްވުމުން އެކަން ވަނީ މީގެ ކުރިންވެސް އެމްޖޭއޭއިންވެސް ކުށްވެރިކޮށްފައެވެ.

އެ ބިލާ ގުޅިގެން ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއެއް ގުޅިގެން ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރެފައިވާ ބަޔާނުގައި ވަނީ އެ ގާނޫނަކީ ރާއްޖޭގެ ނޫސްވެރިކަމާއި ހައްގުތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.

އެ 10 ޖަމިއްޔާގެ ތެރޭގައި ހިމެނެނީ އެމްނެސްޓީ އިންޓަނޭޝަނަލް، ސެންޓާ ފޯ ލޯ އެންޑް ޑިމޮކްރެސީ، ސިވިކަސް: ވޯލްޑް އެލަޔަންސް ފޯ ސިޓިޒެން ޕާޓިސިޕޭޝަން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް، ހިއުމަން ރައިޓްސް ވޮޗު، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)، އެޑިޓާސް ގިލްޑް، ރިޕޯޓާސް ވިތައުޓް ބޯޑާސް އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްއެވެ.

އެ ޖަމިއްޔާތަކުން ބުނީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ދެ ހާލަތް ގާނޫނުގައި ބަޔާންކޮށްފައި ވަނީ ފުޅާކޮށް މާނަ ކުރެވޭ ގޮތަށް ކަމަށާއި އެކަމުގެ ސަބަބުން ސުލްހަވެރިކަމާއެކު ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށާއި ޓެރަރިޒަމް އަދި ގައުމީ ސަލާމަތް ކަމަށް ބުނެ ހުރަސް އަޅާކަން މާޒީން އެނގޭ ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި އެމްޖޭއޭ އިން ގާނޫނަށް ހުށަހަޅަން ބޭނުންވާ އިސްލާހުތަކާއި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަމަވެސް އެއަށް މަޖިލީހުން އެދެވޭ ގޮތުގައި ބަލާފައި ނުވާ ކަމަށާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އިންސާނީ ހައްގުތައް ނެގެހެއްޓުމަށް ގޮވާލި ގޮވާލުމަށް ވެސް މަޖިލީހުން ބޯލަނބާފައެއް ނުވާ ކަމަށް އެ ޖަމުއްޔާތަކުން ވަނީ ބުނެފައެވެ.

ހެއްކާ ބެހޭ ބިލުގައި ހިމެނޭ އެ ކަންކަމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އެ ޖަމިއްޔާތަކުން ފާހަގަކުރެއެވެ.