ސަރުކާރަށް ފާޑުކިޔާ ވެބްސައިޓްތައް ބްލޮކް ކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ
އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ދުލާއި ގަލަމުން ހިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަަމަށެވެ. ތަހުޒީބު މުޖުތަމައުތަކުގައި ވެސް ހިޔާލު ފާޅު ކުރުމަށް ބޭނުން ކުރާ ވެބްސައިޓުތައް ރަޖިސްޓާ ކުރަން ނުޖެހޭ ކަމަށާއި އެއީ މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ވެސް ބަލައިގަންނަ ކަމެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
އެހެންކަމުން މީޑިއާ ކައުންސިލްގެ ދައުރެއް ނެތި ދެ ވެބްސައިޓު ބަންދު ކުރަން ޖެހުނު ސަބަބު ހާމަ ކުރުމަށާއި ހާމަ ނުކުރާހާ ހިނދަކު އެ ދެ ސައިޓް އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ.
މި މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. ސަރުކާރުން އެ ފިޔަވަޅު އަޅާފައި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށާއި އަދި ހަރުދަނާ ދެފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި ގަބޫލުކުރާ ކަމެއް ނޫން ކަމަށް އެމްޖޭއޭ އިން ބުނެއެވެ.
ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެ ކައުންސިލްގެ މެންޑޭޓެކެވެ. ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.
ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ. މި މައްސަލަގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ. ނަމަވެސް ރަޖިސްޓާކޮށްގެން ހިންގާ 'ފުރަތަމަ' ވެސް ވަނީ ބްލޮކްކޮށްފައި ކަމަށް ހަބަރުތައް ފެތުރެއެވެ. މިކަމާ ގުޅިގެން އަދި ސަރުކާރުގެ ފަރާތުން ބަހެއް ނުލިބެއެވެ.