އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާއި މަރުތަކުގެ ވާހަކަތައް ރިޕޯޓް ކުރާއިރު ސަމާލުވުމަށް އެޑިޓާސް ގިލްޑުން މީޑިއާތަކުގެ ކިބައިން އެދިއްޖެއެވެ.

މިފަހުން ރާއްޖޭގައި އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ މައްސަލައިގެ ވީޑިއޯތަކާއި ބައެއް މަރުތަކާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތާ މެދު، އެޑިޓާސް ގިލްޑުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޖަމިއްޔާ އިން ބުނީ، ގިނަ ބަޔަކާ އެކު ބިދޭސީއަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ލީކުވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އާންމުކުރުމުގައި އެއްވެސް ސެންސަރެއް ނެތި އާންމުކުރުމުގެ ސަބަބުން، މުޖުތަމައުގައި އެފަދަ ކަންކަމަކީ "އެއްވެސް ކަމެއް ނޫން" ކަމަށް އާންމުންނަށް ގަބޫލު ކުރެވިދާނެ މިންވަރަކަށް އެ ވާހަކަ ދެކެވެމުން ދާތީ ކަންބޮޑުވާ ކަމަށެވެ.

"އަދި ކުޑަ ކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެކަންކަމަކީ "އޯކޭ" ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާމިނުގައި އާންމު ނުކުރުމަށް އިލްތިމާސްކުރަން."
އެޑިޓާސް ގިލްޑް

އެޑިޓާސް ގިލްޑުން ބުނި ގޮތުގައި، އެއްޖިއްސުން ގުޅުން ހިންގުމަކީ މާތް ﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފަ އެއް ކަމަށް ވާއިރު، އެ އަމަލު ހިންގުމަކީ އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަށް ޒިންމާދާރު އެއްވެސް މީޑިއާއަކުން ހަބަރު ނުފަތުރާނެ ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ކޮންމެ ދުވަހަކު ވަކި ސުރުހީތަކުގެ ދަށުން، ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރާ ކަން އެ ޖަމިއްޔާ އިން ފާހަގަ ކޮށް އެހެން ނުހެދުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

އެގޮތަަށް ރިޕޯޓު ކުރުމުގެ ބަދަލުގައި އެފަދަ ފާއިޝް ނުބައި އަމަލުތައް ކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާބެހޭ އިދާރާތަކަށް ބާރުއަޅައި، އެ އިދާރާތައް ޒިންމާދާރު ކުރުމަށް ބާރުއަޅަން އެޑިޓާސް ގިލްޑުން ވަނީ މީޑިއާތަކަށް ގޮވާލައިފައެވެ.

"ކޮންމެ ދުވަހަކު ވަކިވަކި ސުރުހީތަކުގެ ދަށުގައި އެ އަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިގައި ޝާއިއުކުރުމުގެ ބަދަލުގައި، އެ ފާހިޝް އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހްގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރު އެޅުމަށް މަސައްކަތް ކުރުމަށް މި ޖަމްއިއްޔާއިން މީޑިއާތަކަށް ގޮވާލަން."
އެޑިޓާސް ގިލްޑް

އަދި އެފަދަ މައްސަލަތައް ރިޕޯޓުކުރާއިރު، ހަމަހަމަކަމާ އެކު އެފަދަ މައްސަލަތައް ރިޕޯޓު ކުރުމަށާއި، އެފަދަ ފަރާތްތަކުގެ އާއިލާއަކާއި ދަރިންގެ މުސްތަގުބަލަށް ކޮށްފާނެ އަސަރުތަކާ މެދު ވިސްނާލުމަށް ވެސް އެ ޖަމިއްޔާއިން އެދިފައި ވެއެވެ.

ހަމަ އެއާއެކު، މަރުގެ މައްސަލަތައް ރިޕޯޓުކުރާއިރު އެފަދަ ކަންކަން ކުރާ ފަރާތްތައް ހާމަކުރުމަށް އިތުރަށް ސަމާލުކަން ދީ، އިންސާފުގެ ކުރިމައްޗަށް އެ މީހުން ގެނެސްދިނުމަށް ބާރުލިބޭ ގޮތަށް ރިޕޯޓުތައް ބައްޓަން ކުރުމަށް އިސްކަން ދިނުމަށް ވެސް އެޑިޓާސް ގިލްޑުން އިލްތިމާސް ކޮށްފައި ވެއެވެ.