ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޭ އުސޫލުން މިނިވަން ކަމާއެކު ރާއްޖޭގެ މީޑިއާ ހިންގުމަށް ދައުލަތުގެ ބަޖެޓުން މިންވަރެއް ކަނޑައެޅިގެން ދިއުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އިން ބުނެފިއެވެ.
އެމްއީޖީ ބުނީ، ޑިމޮކްރަސީގެ ހަތަރު ވަނަ ބާރަކީ މީޑިއާ ކަމާއި ނުފޫޒުތަކުން އެއްކިބާވެ، މިނިވަންކަމާ އެކު މީޑިއާގެ ދައުރު އަދާ ކުރެވިގެން ދިއުމަކީ ފޭރާން ހެޔޮ ޒިންމާދާރު މުޖުތަމައަކަށް އޮތް އެންމެ ހެޔޮ ގޮތް ކަމަށެވެ. އެ މަގަށް މީޑިއާގެ މަސައްކަތްތައް ބައްޓަން ކުރުމުގައި މާލީ ނުފޫޒުން އެއްކިބާވާން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.
މިނިވަން މީޑިއާއެއް ހިންގޭނީ މިނިވަންކޮށް ފައިސާ ލިބޭނެ ދާއިމީ އުސޫލެއް އޮވެގެން ކަމަށާއި އެފަދަ އެއް އުސޫލަކަށް ވާނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވެސް ފައިސާ ދޭ އުސޫލުން މީޑިއާތަކަށް ވެސް ބަޖެޓްގެ ތެރެއިން ބައެއް ލިބިގެން ކަމަށް އެމްއީޖޭން ބުނެއެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ލިބޭނެ އުސޫލެއް ތައާރަފު ކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ. އަދި އެކަން ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ތަނަވަސްކޮށް ދިނުމަށް ވެސް އެ ޖަމިއްޔާިއން ވަނީ އެދިފައެވެ. މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުން މުވައްޒަފުން ބޭނުންވެގެން، އަދި އެސްޓިމޭޓް ބޭނުންވެގެން ޖަހާ ފަދަ އިއުލާން އިޝްތިހާރުތައް ވެސް އާންމު މީޑިއާތަކުގައި ޖަހާ ގޮތަށް ދޫކޮށްލުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.
ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތައް އަދި ސިޔާސީ ޕާޓީތަކާއި އެކިއެކި ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ކުރާ ކަންކަމުގެ ސާފު މައުލޫމާތު ގެނެސްދޭ ބަޔަކީ މީޑިއާ ކަމަށް އެމްއީޖީން ބުނެއެވެ. އަދި ދުވަހުން ދުވަހަށް ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ފޯރުކޮށްދޭ ބަޔަކީ ވެސް މީޑިއާ ކަމަށް ބުނެއެވެ. މީޑިއާތަކުން ތެދު މައުލޫމާތު ފޯރުކޮށް ނުދޭ ނަމަ، އަދި ވަކި ފަރާތަކަށް ޖެހިގެން ހަބަރު ފަތުރާ ނަމަ، ރައްޔިތުން ކަންކަން ނިންމުމަށް ބޭނުންވާ ތެދު މައުލޫމާތު ނުލިބި، މަގު އޮޅޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ. ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ގޮތަކަށް ހަބަރާއި މައުލޫމާތު ފޯރުވަން ޖެހެނީ އެހެންވެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެއެވެ.
މީޑިއާތަކުން އެ މީހުންގެ ޒިންމާ އަދާ ނުކޮށް ސަރުކާރާއި ދައުލަތް ޒިންމާދާރު ނުކުރެވޭ ނަމަ، ކޮރަޕްޝަނާއި ފަސާދަ އަށަގަނެ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމަށް މަގުފަހިވާނެ ކަމަށް އެމްއީޖީން ބުނެއެވެ. އަދި ސަރުކާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެން ޖެހޭ ހިދުމަތްތަކަށް ބޭނުން ކުރަން ހުންނަ ފައިސާ ބޭކާރުވެގެންދާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެއެވެ.