ނޫސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ހެއްކާ ބެހޭ ބިލު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތްތަކެއްގައި ހާމަކުރުމަށް ހެއްކާބެހޭ ގާނޫނުގައި ލާޒިމްކުރާ މާއްދާގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައި ވާތީ އެކަންކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ އެގޮތުން ހެއްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެ ފަދައިން ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމަށެވެ.
އެހެންކަމުން ޓެރަރިޒަމްގެ ކުށްތަކަކީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ ދެވަނަ ބާބުގައި ބަޔާންކުރާ ޓެރަރިޒަމްގެ ކުށްތައް ކަމަށް ގާނޫނުގައި ކަނޑައެޅުމަށާއި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތްކުރަންޖެހޭ ކަންކަން ގާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާ އިސްލާހުތައް ހުށައަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެއެވެ.
އެ އިސްލާހުތައް ގެންނަން ބިލު އެކުލަވާލީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށާއި އެ ބިލު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރާ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.