ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ 15 ކުންފުންޏެއްގެ އޮޑިޓްކޮށް ނެރެފައިވާ ރިޕޯޓަތަކަށް ބަލާ އިރު ދައުލަތަށް 5.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ޓްރާންސްޕޭރަންސީ އިން ބުނީ 2014 އާއި 2020 އާއި ދެމެދު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުތަކަށް ބަލާއިރު، 75 ޕަސެންޓުގެ ގެއްލުން ލިބިފައި ވަނީ އެ ކުންފުނިތަކުގެ މާލީ ކަންތައްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުގެ ސަބަބުން ކަމަށެވެ. .

ޓްރާންސްޕޭރަންސީ އިން ބުނީ އޭގެ ތެރެއިން ދައުލަތަށް 203 މިލިއަން ރުފިޔާ އަނބުރާ ލިބެން ޖެހޭ ކަމަށެވެ. އެއާއެކު ޓްރާންސްޕޭރަންސީން ވަނީ ދައުލަތަށް މި ފައިސާތައް އަނބުރާ ލިބުނުތޯ އާއި އޮޑިޓް ރިޕޯޓުތަކުގައި ހުރި މައްސަލަތައް އިސްލާހު ކުރަން ދައުލަތަށް ކުރެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު އުފައްދާފައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ ފަނަރަ ކުންފުނީގެ ތެރޭގައި އެސްޓީއޯ، ސްޓެލްކޯ، ޕަބްލިކް ސާވިސް މީޑިއާ، އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިމެނެއެވެ.