މި ދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން މި މަހު ނަތީޖާ ދޫކުރާނީ ހަމައެކަނި ޓީޗާ ބޭސްޑް އެސެސްމެންޓް ހެދި ދަރިވަރުންނަށް އެކަނި ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަނުން ބުނެފިއެވެ.

ޑީޕީއީއިން ބުނީ އިމްތިހާނު ހެދި އެހެން ދަރިވަރުންގެ ތެރެއިން ނަތީޖާ ބޭނުންވާ ދަރިވަރުން، އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރެއް މެދުވެރިކޮށް އެ ޑިޕާޓްމަންޓަށް އެދި ހުށަހެޅުމުން އެ ދަރިވަރުގެ ނަތީޖާ ސެންޓަރަށް ފޮނުވާނެ ކަމަށެވެ.

ޑީޕީއީއިން އިތުރަށް ބުނީ، އެ ޑިޕާޓްމަންޓު މެދުވެރިކޮށް އަމިއްލަގޮތުން އެޗްއެސްސީ އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ ސެޕްޓެންބަރު 27ން ފެށިގެން އެ ޑިޕާޓްމަންޓްގެ ކައުންޓަރުން ހެނދުނު 08:30 މެންދުރުފަހު 1:30 ށް ދޫކުރާނެ ކަމަށެވެ.

އާންމުކޮށް ސެންޓަރުތަކަށް އެޗްއެސްސީ ގެ ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 31 ގައެވެ.