ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ނުކުމެ އެ މަސައްކަތުގައި އުޅެވުނީތީ އެކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މައާފަށް އެދިވަޑައިގެންފިއެވެ.
އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ރޭ 3 ގަޑިއިރަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރު ގެނައުމަށް މަސައްކަތްތަކެއް ކުރެވުނީތީ އެކަމާ ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަނަވާ ކަމަށާއި އަދި އެކަން ކުރެވުނީތީ ހިތާމަ ކުރައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އަލީ ހައްޔަރު ކުރި މައްސަލައަށް އަލިއަޅުއްވާލައްވަމުން އޭނާ ވަނީ ގިނަ ވާހަކަތަކެއް ހިއްސާ ކުރައްވާފައެވެ. އެ ގޮތުން އެކަން ކުރީ ރައީސް ޔާމީންގެ ސީދާ އޯޑަރަށް ނޫން ކަމަށް އަލީ ވިދާޅުވިއެވެ. އެކަން ކުރެއްވީ އޭރުގެ ކެބިނެޓުގައި ތިއްބެވި ބައެއް ކަމަށާއި ގައުމެއްގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ހުރިހާ ކަމެއްގެ ތެރެއަށް ފައިން ޕުޅާއި އިސްތަށިފުޅު ލައްވަން ޖެހިވަޑައި ނުގަންނަވާނެ ކަން މިހާރު އަލީއަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށާއި އިންސާފް ހޯދުމަކީ މި ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް އަލީ ވިދާޅުވިއެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ދައުވާތަކަކީ ވެސް އޭނާ ކުރި ކުށެއް ނޫން ކަމަށާއި އެއީ އޭނާގެ ބޮލުގައި އަޅުވާފައިވާ ހުތުރު އިލްޒާމެއްގެ ގޮތުގައި އަލީ ސިފަކުރެއްވިއެވެ. އެކަން ސާބިތު ކުރުމުގައި އިސްކޮށް އުޅުއްވަނީ ޕީޖީ ހުސައިން ޝަމީމް ކަމަށާއި އަލީއަށް އުފުލާފައިވާ ދައުވާގެ މައްސަލައިގެ ޝަރީއަތުގައި ވެސް ޝަމީމް ނުފޫޒު ފޯރުވުމަށް ސީދާ ޝަރީއަތަށް ވަޑައިގަންނަވާ ކަން އަލީ ފާހަގަ ކުރެއްވިއެވެ.
ކޯޓުތަކަށް ނުފޫޒު ފޯރުވޭނެ ކަމުގެ މަންޒަރު ވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ފެބްރުއަރީ 1 ގައި ފެނިވަޑައިގެންފައި ކަަމަށް އަލީ އިތުރަށް ވިދާޅުވިއެވެ. ފެބްރުއަރީ 1 ގެ އަމުރަކީ ފަނޑިޔާރުން ނެރުނު އަމުރެއް ނޫން ކަމަށާއި އެ ދުވަހު ރާއްޖެ ސަލާމަތްވީ ރައީސް ޔާމިން 48 ގަޑިއިރު ހޭލާ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުން ކަަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އެ ދުވަހު ނެރުނު އަމުރާއެކު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު އެހެނިހެން ސިޔާސީ ބޭފުޅުން ވެސް މިނިވަންވެވަޑައިގެން ކަމަށް އަލީ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިހާރު އެންމެން މިނިވަންވި އިރު އަދީބު އަދިވެސް ޖަލުގައި ހުންނަވަން ޖެހުމުން އެއީ ކޮން ކަހަލަ އިންސާފެއްތޯ އައްސަވާ އަލީ ސުވާލު އުފެއްދެވިއެވެ. އެހެންކަމުން ފެބްރުއަރީ 1 ގައި ނެރުނު އަމުރަކީ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް އެބަޔަކު އަމިއްލައަށް ނެރުނު އަމުރެއް ކަމަށް އަލީ ވިދާޅުވިއެވެ.
މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ތިލަފުށި، ވިލިމާލެ ގުޅީފަޅު ގުޅުވާލުމަށް އަޅާ ބްރިޖުގެ މަސައްކަތައް ވެސް އަލީ ވަނީ ފާޑުވިދާޅުވެފައެވެ. ކޮވިޑްގެ މި ހާލަތުގައި ގައުމުގެ އިގްތިސޯދަށް އައިސްފައިވާ ހީނަރު ކަމާ އެކު އެކަމުން އަރައިނުގަނެވިގެން އުޅޭ އިރު ބްރިޖެއް އަލާން ގިނަ ފައިސާތަކެއް ހިލޭ އެހީގެ ގޮތުގައި ހޯދައިގެން އެ މަސައްކަތް ކުރައްވާތީ އަލީ ފާޑު ވިދާޅުވިއެވެ. ގިނަ ފައިސާތަކެއް ހަރަދުކޮށްގެން ބްރިޖް އަޅަން މި ސަރުކާރުން މަސައްކަތް ކުރާ އިރު، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ކަމެއް ނުފުދި ނުވަތަ ދަތި ހާލުގައި ރައްޔިތުން އުޅެން ޖެހޭ މައްސަލައަށް އަލީ ވާހަކަ ދެއްކެވިއެވެ. އެ ގޮތުން ބައެއް ރަށްރަށުން ޕެނަޑޯލް ލިބެން ނުހުންނަ މައްސަލަތަކާއި ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތުގައި ހަރަދު ކުރުން މާ ރަނގަޅު ކަމަށް އަލީ ވިދާޅުވިއެވެ.
ކޯލިޝަނާކާއެކު އުފެދިގެން އައި މި ސަރުކާރުގެ 3 އަހަރު ތެރޭ ވަޒީރުންގެ ކެބިނެޓަށް އައިސްފައިވާ ބަދަލުތަކަކީ ވެސް މިސަރުކާރުގެ ހުރި މައްސަލަތައް ފެންނަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައެއް ޖެހޭ އިރަށް ވަޒީރެއްގެ އިތުބާރު ނެތްކަމަށް ބެލުމަށްފަހު އެ ވަޒީރެއް މަގާމުން ދުރުކޮށްފައި ވަނީ އެމްޑީޕީގެ އިސް ސަފުގައި ތިބި ބައެއް މީހުން އެގޮތަށް ބޭނުންވެވަޑައިގަތުމުން ކަމަށް އަލީ ތުހުމަތު ކުރެއްވިއެވެ. އެ ގޮތުން އެމްޑީޕީގެ ނުފޫޒާ އެކު ކުރީގެ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އެމްއާރްއެމްގެ މެންބަރު އައިމިނަތު އާތިފާ ޝުކުރާއި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދާއި، ކުރީގެ ޖެންޑާ މިނިސްޓަރު ކަމުގައި ހުންނެވި ޝިދާތާ ޝާރީފް އަދި ކުރީގެ ހެލްތް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ސަރުކާރުން ޕްރެޝާކޮށްގެން ކަމަށް އަލީ ވިދާޅުވިއެވެ.
އެ މިނިސްޓަރުން މަގާމުން ވަކި ކޮށް އާ މިނިސްޓަރުން އައްޔަން ކޮށްގެން ތިބޭ ތާ ދުވަސްތަކެއް ވީ ނަމަވެސް އަދި ވެސް އެ މިނިސްޓްރީތަކުގައި ހުރި މައްސަލަތަކަށް ހައްލެއް އައިތަން ފެނި ވަޑައިނުގަންނަވާ ކަމަށް އަލީ ވިދާޅުވިއެވެ.