ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ތަންފީޒު ކުރެވޭ ހުރިހާ ފަރާތްތަކުގެ ތެރެއިން ކުށް ސާބިތުނުވާ ފަރާތްތައްވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގަ ބައިވެރި ކުރުން މި ގާނޫނުގެ ދަށުން ލާޒިމް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

މުޖުތަމައު އަށް ނުރައްކާތެރި ފަރާތްތައް ބަންދުގައި ބައިތިއްބައިގެން އެ ފަރާތްތައް އިސްލާހު ކުރަން ގާނޫނުގެ ދަށުން ކުރިމަތިވާ ހުރަސްތަކާއި އެކަމަށް އޮތް ހައްލުތަކާއި ބެހޭގޮތުން އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި ރިފްއަތު ވިދާޅުވީ ޓެރަރިޒަމް މަނާކުުރުމުގެ ގާނޫނުގެ ދަށުން ދެ އިޖުރާއަތަކަށް އަމަލު ކުރެވޭނެ ކަމަށެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އަމަލު ކުރެވޭ އިޖުރާއަތްތައް

  • އެކަށީގެންވާ ތުހުމަތުތަކެއް ކުރެވޭ ފަރާތްތަކަށް މޮނިކޮން އަމުރެއް ނެރުން
  • ޓެރަރިޒަމްގެ އަމަލެއް ހިންގައިފި ނަމަ، ނުވަތަ އެފަދަ އަމަލެއް ހިންގަން ރާވާ ފަރާތްތައް ހައްޔަރުކުރުން

ހައިކޯޓުން މީގެ ކުރިންވެސް މިފަދަ އަމުރުތައް ނެރުނު ކަން ފާހަގަ ކުރައްވާ، އެޓާނީ ޖެނެރަލް ވިދާޅުވީ މޮނިކޮން އަމުރު ނެރެނީ ބުއްދިއަަށް ގަބޫލުކެރެވޭ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް، ޓެރަރިޒަމްގެ ކުށެއް ރާވާ ނުވަތަ ހިންގާ ކަމަށް ހޯމް މިނިސްޓަރަށް ގަބޫލު ކުރެވޭ ނަމަ ކަމަށެވެ. އަދި އެފަދަ ފަރާތެއްގެ އިންޓެލިޖެންސް ރިޕޯޓެއް ނުވަތަ ކުށުގެ ރެކޯޑެއް އޮތް ނަމަވެސް މޮނިކޮން އަމުރެއް ނެރުމަށް ކޯޓުގައި އެދެވޭނެ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

މީގެ އިތުރުން މޮނިކޮން އަމުރު ތަންފީޒު ކުރެވޭ ފަރާތެއްގެ ވަސީލަތްތަކާއި ކަންތައްތައް ކޮންޓްރޯލް ކުރުމަށް ގާނޫނުން ވަނީ ފަހިކޮށްދީފައި ކަމަށާއި އެ އަމުރުގެ މުއްދަތު އިތުރު ކުރުމަށް ގާނޫނުން ހުރަހެއް ނެތް ކަމަށްވެސް އެޓާނީ ޖެނެރަލް ވިދާޅުވިއެވެ.

އެޓާނީ ޖެނެރަލް އިތުރަށް ވިދާޅުވީ މޮނިކޮން އަމުރުގެ އިތުރުން، ޓެރަރިޒަމް ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ ފަރާތްތައް ވަކި މުއްދަތަކަށް ބަންދުގައި ބޭތިއްބޭނެ ކަމަށާއި، އެގޮތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރި ކަމަށް ބެލެވޭ ފަރާތްތަކާއި ހަނގުރާމައަށް ގޮސް އެނބުރި އަންނަ ފަރާތްތައް ހައްޔަރު ކުރާތާ ފުރަތަމަ 30 ދުވަހުގެ ތެރޭ ހަދާ ޓެސްޓުތަކަށް ފަހު އެ މީހަކީ ބަންދުގައި ބެހެއްޓޭން މީހެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ.

=

މޮނިކޮން އަމުރެއް ހިންގޭ ކޮންމެ ފަރާތެއް އަދި ހަނގުރާމައަށް ދިޔަ ކޮންމެ ފަރާތެއް އަނބުރާ އައި ނަމަވެސް ކުށް ސާބިތުނުވާ ފަރާތްތައް ރިހެބިލިޓޭޝަން ޕްރޮގްރާމްގަ ބައިވެރި ކުރަން ލާޒިމް ވާނެ
އެޓާނީ ޖެނެރަލް ރިފްއަތު

އެޓާނީ ޖެނެރަލް މިހެން ވިދާޅުވެފައި ވަނީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ހައިކޯޓުން އިއްޔެ މޮނިކޮން އަމުރެއް ނެރެފައި ވަނިކޮށެވެ.

އެ އަމުރުގައި ވާގޮތުން ފުލުހުންގެ ހުއްދަނެތި މާލެއިން ބޭރަށް ދިއުމާއި، ހެނދުނު ހަޔަކުން ހަވީރު ހަޔަކަށް ގެއިން ބޭރަށް ނުކުތުން އަމީނަށް ވަނީ މަނާ ކޮށްފައެވެ.