މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނިކުންނަން ތައްޔާރުވެއްޖެއެވެ.

ސިވިލް ސާވެންޓު އެސޯސިއޭޝަނުން ބުނީ އަންނަ އާދިއްތަ ދުވަހު މަސައްކަތަށް ނުކުންނާނީ ކަޅު ހެދުމުގައި ކަމަށާއި ސަރުކާރުން ޖަވާބުދާރީ ނުވެއްޖެ ނަމަ ޖެހިގެން އަންނަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައި އިހުތިޖާޖުކުރާނެ ކަމަށެވެ.

ސިވިލް ސާވެންޓު މުވައްޒަފުންގެ ޑިމާންޑުތައް:

  • ސެޓްފިކެޓް ޕްރޮމޯޝަން އަލުން ދިނުން
  • ލިވިން އެލަވަންސް ހަމަޖައްސައިދިނުން
  • ވައުދާ އެއްގޮތަށް މިނިމަން ވޭޖު އަވަސް ކުރުން
  • ދަށް މުވައްޒަފުންގެ މުސާރަށް ހެޔޮ ބަދަލެއް ގެނައުން
  • ސުކްލު ތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދިނުން

ސިވިލް ސާވެންޓުންގެ ގޮތުގައި މި ވަގުތު 26،668 މުވައްޒަފުން އެބަތިއްބެވެ. އޭގެ ތެރެއިން 16،593 މީހުންނަކީ އަންހެނުންނެވެ.

ސިވިލް ސާވެންޓުންގެ މުސާރައަށް އެންމެ ފަހުން ބަދަލެއް ގެނެސްފައި ވަނީ 2018 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ސިވިލް ސާވެންޓުން އިހުތިޖާޖަށް ނިކުންނަން ތައްޔާރުވަމުންދާއިރު، މުސާރައިގެ މައްސަލާގައި ޕައިލެޓުން، ނަރުހުންނާއި އަދި ޑޮކްޓަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ޕައިލެޓުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވާފައެވެ. އަދި ރައީސް ވަނީ އެމީހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ މުސާރަ އާ މަގާމުގެ ކުރިއެރުން ނުދޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.