އަންނަ ބުދަ ދުވަހުން ފެށިގެން، އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކޮށް، އެގައުމަށް ދަތުރުކުރުމުގައި ލުއިތައް ދޭނެ ކަމަށް އެގައުމުން ބުނެފިއެވެ.

ރާއްޖޭގެ އިތުރުން އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ދެން އުނިކުރަން ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަވަށްޓެރި ސްރީލަންކާ، ބަންގްލަދޭޝް، ޕާކިސްތާނު، އޮމާން، މިސްރު، ތުރުކީ، އަދި ކެންޔާއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައި ވަނީ މިދިޔަ މޭ މަހުގެ ކުރީކޮޅު ރާއްޖޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. އެއާއެކު ރާއްޖެއިން އެގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން 10 ދުވަސް ވަންދެން ކަރަންޓީނު ވުމަށް ވަނީ އަންގާފައެވެ.

ނަމަވެސް ރެޑް ލިސްޓުން ރާއްޖެ އުނިކުރުމާ އެކު، ދެން ކަރަންޓީނު ވާކަށް ނުޖެހޭނެއެވެ.

އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮ ޓްރާންސްޕޯޓް ގްރާންޓް ޝެޕްސް ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ފަރާތްތަކަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން، ރެޑް ލިސްޓުގައި ނުހިމެނޭ ގައުމުތަކުށް އެގައުމަށް އެތެރެވާއިރު ޕީސީއާރު ޓެސްޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އިތުރު ލުއިތައް ދޭން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރަން ނިންމާފައިވަނީ އެގައުމުގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަން ނުޖެހޭނެ ކަމަށް ވިދާޅުވެ، ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.