ހުވަދޫ އަތޮޅުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، ޖެންޑާ މިނިސްޓްރީ އާ ގުޅިގެން އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

އަދި މިފަދަ މައްސަލަތައް ބަލަމުން ދާނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ނަމަވެސް އެއީ ކޮން ރަށަކަށް ނިސްބަތްވާ ކުއްޖެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީން ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ރޭ ހައްޔަރު ކުރީ އައްޑޫ ސިޓީ ހިތަދޫގައި ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންދާ 34 އަހަރުގެ ފުލުހެކެވެ.

މި މައްސަލަ ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.