ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމުގެ ސަބަބުން މިދިޔަ މަހުގެ 21 ގައި މޮނިޓަރިންގެ ހާލަތަށް ގެނައި ފުވައްމުލަކު ސިޓީ މިއަދު ހުޅުވާލައިފި އެވެ.
މިއަދު ފުވައްމުލަކުގެ މޮނިޓަރިންގެ ހާލަތު އުވާލާ މިއަދު އެ ސިޓީ އަލުން ހުޅުވާލި އިރު، މީގެ ހަތަރު މަސްދުވަސް ކުރިންވެސް އެ ސިޓީ ވަނީ ފުރަބަންދު ކޮށްފަ އެވެ. އެގޮތުން މިދިޔަ މޭ 6 ގައި އެ ސިޓީ ފުރަބަންދުކުރި އިރު، ހުޅުވާލާފައި ވަނީ އޭގެ 91 ދުވަސް ފަހުންނެވެ.
މީގެ ދެ ދުވަސް ކުރިން ތިން ރަށަކުން ކޮވިޑް-19 ގެ ކޭސްތައް ފެނި، މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެވިފަ އެވެ، އެއީ ތ. ވޭމަންޑޫ އާއި އެ އަތޮޅު ދިޔަމިގިލީގެ އިތުރުން ގއ. މާމެންދޫ އެވެ.
ވޭމަންޑޫ މޮނިޓަރިންނަށް ލީ އަލާމާތްތަކެއް ހުރުމުގެ ސަބަބުން އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެ މީހުން ޕޮޒިޓިވް ވުމުންނެވެ. ދިޔަމިގިލި ބަންދުކުރީ އެ ރަށުގައި ހުން އައިސްގެން މީހުން އުޅޭތާ ދުވަސްކޮޅެއް ވެފައި ވުމުން ގޭގެއަށް ގޮސް ނެގި ސާމްޕަލްތަކުގެ ތެރެއިން 14 މީހުން ޕޮޒިޓިވްވުމުންނެވެ. އަދި މާމެންދޫ ބަންދުކުރީ އެ ރަށުގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ އެވެ.
މިއާއެކު، 20 ރަށެއް އަދިވެސް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. އޭގެ ތެރެއިން މިދިޔަ މޭ 25 ގައި މޮނިޓަރިންގެ ހާލަތަށް ގެނައި ރ. ދުވާފަރު ބަންދުކޮށްފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.