ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި އެފަދަ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މުހައްމަދު އަމީނަށް ކުރި ދައުވާތައް ބާތިލުކޮށް، ބަންދުގައި ހުންނަތާ ދޮޅު އަހަރު ފަހުން އޭނާ މިނިވަން ކުރުމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ނިންމަވައިފިއެވެ.
މީގެ 14 އަހަރު ކުރިން ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި އަމީނަށް ކުރި ދައުވާތައް ބާތިލުކޮށް، އޭނާ މިނިވަން ކުރަން މިއަދު ހައިކޯޓުން ހުކުމް ކުރީ ދައުވާ ކުރުމުގެ މުއްދަތުގައި އަމީނުގެ މައްޗަށް ދައުވާ ކޮށްފައި ނެތްކަމަށް ބުނެ، ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުމުން އެ ނިންމުން ހައިކޯޓަށް ހުށަހެޅުމުންވެސް ބޭރުކޮށްލާފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކަށް މައްސަލަ ބެލުމަށް ފަހުގައެވެ.
މިކަމާ ގުޅިގެން ޝަމީމް ވިދާޅުވީ ހައިކޯޓުން ކުރި މި ހުކުމުގައި ސުޕްރީމް ކޯޓުގެ ހުކުމް މާނަކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ފެނިވަޑައި ނުގަންނަވާތީ، ސުޕްރީމް ކޯޓުގައި މި ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށާއި، މި މައްސަލާގައި އަމަލުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ.
އަމީނަކީ އައިއެސް ޖަމާއަތާއި ގުޅިގެން، ދިވެހިން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އަދި އަމީނަކީ ރާއްޖޭގައި އައިއެސްގެ ލީޑަރު ކަމަށް ބުނެ، އަމީނާއި ދެކޮޅަށް، އޭނާ އަކީ ކާކުކަން ބަޔާންކޮށް، އަދި އެމެރިކާގެ ކަމާބެހޭ ފަރާތެއްގެ ރިޕޯޓުތަކަކާއި ސިއްރު ލިޔުންތަކެއް ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ނަމަވެސް، އޭނާ އެ ތުހުމަތުތަކަށް ވަނީ އިންކާރު ކޮށްފައެވެ.
މީގެ ކުރިންވެސް އަމީން ހައްޔަރު ކޮށްފައި ވާއިރު އެ ފަހަރު އޭނާ ހައްޔަރުކުރީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރަން އުޅުމުން ރާއްޖެއިން ބޭރަށް ގޮސް ފިލައިގެން އުޅުމުގެ ތެރޭގައި ލަންކާއިންނެވެ. ނަމަވެސް ދެމަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ގައި އޭނާ ދޫކޮށްލީ އެވެ.