އުނަގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުން ގިނައިރު އިށީނދެ އިންނަވަން ދަތިފުޅުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީނު އެހެން ވިދާޅުވީ މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުމުގައެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އުނަގަނޑުގައި ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާ، 2 ގަޑިއިރު ވަންދެން ގޮނޑިއެއްގައި އިންނަވަން ވެސް އެމަނިކުފާނަށް ދަތިފުޅުވާ ކަމަށެވެ.

އެހެން ކަމުން ޝަރީއަތުގައި އެހާ ގިނަވަގުތު އިންނެވުން ނުހަނު ދަތިފުޅު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ތެދުތެދަށް ދަންނަވަންޏާ ވަރަށް ދަތިވޭ ކޮންޓިނިއުސްލީ ދެ ގަޑިއިރު ގޮނޑިއެއްގަ އިންނަންވެސް
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެކަމާ ގުޅިގެން އިސް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، ޝަރީއަތުން އެކަމަށް ރިއާޔަތްކޮށް ދިގު އަޑުއެހުންތައް ބޭއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައި އޮތީ 10:30 ގައި ބްރޭކެއް ދޭ ގޮތަށް، ހެނދުނު 9:00 އިން 12:00 އަށެވެ. އަދި މެންދުރުފަހުގެ ދަންފަޅި 1:30 އިން 3:30 އަށް މިއަދުގެ ޝަރީޢަތް ވަނީ ތާވަލު ކޮށްފައެވެ.

ޔާމީނުގެ މަށްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2021 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.