އައްޑޫގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1210 އަށް އަރައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އިއްޔެ އެކަނިވެސް އެ ސިޓީން 18 މީހަކު ވަނީ އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އޭގެ ތެރެއިން 7 ކޭސް ފެނިފައިވަނީ މަރަދޫ އިންނެވެ. ހިތަދޫ އިން 6 ކޭސް، ފޭދޫއިން 5 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ޑައިރެކްޓް ކޮންޓެކްޓާ އަދި ރެންޑަމް ސާމްޕަލް އަކާއި ފްލޫ ސާމްޕަލެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މިހާތަނަށް ޖުމުލަ 1210 މީހަކަށް އައްޑޫގައި ކޮވިޑް ޖެހިފައިވާއިރު، އޭގެ އެތެރެއިން ރަނގަޅު ނުވެ ތިބި މީހުންގެ އަދަދު 282 އަށް އަރައެވެ. އެކްޓިވް ކޭސްތައް އެންމެ ގިނައީ މަަރަދޫގަ އެވެ. އެއީ 133 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 6 ކޭސް، ފޭދޫގައި އެކްޓިވް 30 ކޭސް، ހިތަދޫގައި 79 މީދޫގައި 23 ކޭސް އަދި ހުޅުދޫގައި 11 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ފަސް މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫން ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.