މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ޒައީމް ކަމުގެ މަގާމަށް އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރިމަތި ލައްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެމްއާރްއެމްގެ ޒައީމް ކަމަށް ކުރިމަތިލެއްވުމަށް މިއަދު ފޯމް ހުށައަޅުއްވާފައި ވާ ކަމަށެވެ.

އެމްއާރުއެމް ގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން އަންނަ އޮކްޓޫބަރު މަހުގެ 2 ގައި ބާއްވަން އެ ޕާޓީން ވަނީ ނިންމާފައެވެ. އަދި އެމްއާރްއެމްއިން ވަނީ މި މަހުގެ 9 ކުން މިމަހުގެ 16 ގެ ނިޔަލަށް އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

އެމްއާރްއެމް އިން ވަނީ އެ ޕާޓީގެ ޒައީމްގެ މަގާމު، ޕާޓީގެ ރައީސް، ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކެޓިވް ކޮމިޓީ އަށް އަންހެން އަދި ފިރިހެން ހިމެނޭ ގޮތަށް އިންތިހާބުކުރާ 20 މަގާމަށް ކުރިމަތިލާން ހުޅުވާލާފައެވެ.

އޭގެ އިތުރުން ޒުވާނުންގެ ކައުންސިލްގެ ރައީސް، ނައިބު ރައީސް އަދި އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށް ވެސް ކުރިމަތިލާން ވަނީ ހުޅުވާލާފައެވެ.

އެމްއާރްއެމް އިން ބުނީ ޕާޓީގެ މަގާމުތަކަށް ކުރިމަތިލެވޭނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް ކަމަށެވެ. އަދި ޒުވާނުންގެ ކައުންސިލަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރު ފުރިފާ ނުވާ ފަރާތްތަކަށް ކަމަށް އެޕާޓީން ބުނެއެވެ.

އެމްއާރުއެމް އިން ބުނީ ކޯވިޑާއި ގުޅިގެން އެޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީން ނިންމާފައިވަނީ ނޭޝަނަލް ކޮންވެންޝަން ވާޗުއަލްކޮށް ބޭއްވުމަށް ކަމަށެވެ.