5000 މެމްބަރުން ހަމަކޮށް، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އިސްވެ ތިއްބަވާ އުފައްދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
އިލެކްޝަންސް ކޮމިޝަނާ ފޯމުތައް ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވަނީ އެ ކޮމިޝަނުގެ އޮފީސް ކަމަށްވާ ބާ ޖަމާލުއްދީނުގައެވެ. އެ ރަސްމިއްޔާތުގައި ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީގެ ފަރާތުން ހަވާލުކުރެއްވި ބޭފުޅުންގެ ތެރޭގައި ނާޒިމް އާއި ރިޔާޒުގެ އިތުރުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
އެއަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ނާޒިމް ވިދާޅުވީ މިއީ ވޭތުވެދިޔަ މަސްދުވަހުގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެމްއެންޕީ އުފެއްދީ ގައުމަށް ހިދުމަތް ކޮށްދިނުމުގެ ބޭނުމުގައި ގައުމު އިސްކޮށްގެން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްއެންޕީގެ ކަންތައްތައް ދާނީ ޑިމޮކްރަސީގެ ނަމޫނާ އާ އެއްގޮތަށް ކަމަށާއި އެގޮތުން ޕާޓީގެ މަގާމުތަކަށް އެތެރޭގެ އިންތިހާބުތައް ބާއްވާނީ ދެފުށް ފެންނަ ގޮތަށް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެމްއެންޕީ ވާނީ އެހެން ސިޔާސީ ޕާޓީތަކަށް ހުރި ނަމޫނާ އަކަށް ކަމުގައިވެސް ނާޒިމް ވިދާޅުވިއެވެ.
ރަށްރަށުން އެ ޕާޓީއަށް ތަރުހީބު ލިބޭކަން ފާހަގަ ކުރައްވާ ނާޒިމް ވިދާޅުވީ 5،000 އަށް ވުރެ ގިނަ މެމްބަރުން އެމްއެންޕީ އާ ގުޅުނީ ރާއްޖޭގެ އެކި ރަށްރަށުން ކަމަށާއި، އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން ހަމަކުރުން ކަމަށެވެ.