ރައްޔިތުން ކުރި ހިތްވަރާއި ވީ ގުރުބާނުގެ ސަބަބުން މިއަދު ރާއްޖެ ވަނީ ބައިނަލްއަގުވާމީ ގޮތުން އެންމެ އުހުގައި ކަމަށް، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ތަގުރީރުގައި ޝާހިދު ވިދާޅުވީ މިއަދު ރާއްޖޭގެ ދިދަ ވިހުރެމުން ވަނީ ބައިނަލްއަގުވާމީ ގޮތުން އެންމެ އުހުގައި ކަމަށާއި، ރައްޔިތުން ވީ ގުރުބާނުގެ ސަބަބުން މިއަދު ރާއްޖޭގެ ނަން އަންނަނީ ދުނިޔޭގައި ވިދަމުން ކަމަށެވެ.
މިކަމުންވެސް ދޭހަވަނީ ބައިނަލްއަގުވާމީ މުޖުތަމައު އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތުތައް ބަލައިގަނެފައިވާ ކަމަށާއި، ގައުމުތަކާ އެކު ގާތް ގުޅުމެއް އޮންނަ ކަމުގެ ހެތްކެއް ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ
"މިއަދު މި ފެންނަމުން މިދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ޒައާމަތުގެ ދަށުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ ހޯދަމުންދާ މަތިވެރި މަގާމް. ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެކި." ޝާހިދު ވިދާޅުވި އެވެ
އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރު ޝާހިދު އިންތިހާބުވެ ވަޑައިިގެންނެވީ ޖޫން މަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިހާބުގައެވެ.
އެއިންތިހާބުގައި މިނިސްޓަރު ޝާހިދު އާ ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާއެވެ.
އެގޮތުން ޝާހިދަށް 143 ވޯޓު ލިބިވަޑައިގެންނެވިއިރު ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ.