މި މަހުގެ 21 ވަނަ ދުވަހު ފަށާ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް އޮތް ހަފްތާ ބަންދުގައި އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ފުރަތަމަ ދުވަހުގެ ބަހުސްގައި އެންމެ ފުރަތަމަ ތަގުރީރު ކުރައްވާނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯ އެވެ. ދެވަނައަށް ތަގުރީރު ކުރައްވަން ހަމަޖެހިފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ކަމަށް ވާއިރު، ތިންވަނަ އަށް ތަގުރީރު ކުރައްވާނީ ރައީސް ސޯލިހެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަތުމަށް ރައީސް ރާއްޖެއިން ފުރާވަޑައިގަންނަވާނީ ހަފްތާ ބަންދުގައި ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ހާމަ ނުކުރައްވަ އެވެ.

ރައީސް ވަނީ މީގެ ކުރިންވެސް އދ. ގެ އާންމު މަޖިލީހުގެ ފުރަތަމަ ބަހުސްގައި ތަގުރީރު ކުރައްވާފަ އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންވުމަށް ފަހު 2019 ވަނަ އަހަރު ރައީސް ތަގުރީރު ކުރައްވާފައި ވާއިރު، އެންމެ ފަހުން ރާއްޖޭގެ ރައީސެއް އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވީ އޭގެ ހަތް އަހަރު ކުރިންނެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު އޮންލައިންކޮށް ކުރިއަށް ގެންދިޔަ އދ. ގެ އާންމު މަޖިލިހުގައި ރާއްޖެ ތަމްސީލު ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ނަމަވެސް މިއަހަރު އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ދާދި ފަހުން އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ވި ޝާހިދެވެ.